ކުރީގެ މެންބަރުންގެ ޢިނާޔަތްތައް އުނިކުރުމަށް އިސްލާޙެއް ހުށައަޅައިފި
ދެންމެ | 22 އޯގަސްޓް 2022

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ނުޖެހޭ އިސްލާހެއް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނިކުރުމަށެވެ. މިދިޔަ ޖޫން މަހު އެ ގާނޫނަށް އުޝާން ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އިމްތިޔާޒް ޤާނޫނުގައި މިހާރު ބުނެފައިވަނީ މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހޭނެ ކަމަށެވެ. އަދި ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 45 ޕަސެންޓު ދޭންޖެހެއެވެ.

އޭގެއިތުރުން މަޖިލިސް މެމްބަރުންނަށް އޮންނަފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށާއި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދިނުމަށް އެ ޤާނޫނުގައި ވެއެވެ. އުޝާމް ހުށައަޅުއްވާފައިވަނީ އެ އިނާޔަތްތައް އުނިކުރުމަށެވެ.

އެކަމާ ގުޅިގެން އުޝާމް ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ބުނީ ދައުލަތަށް ވިހިތިރީސް އަހަރުގެ ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

އެމްއެންޕީން މީގެ ކުރިން ވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން ގާނޫނަށް އިސްލާހު ގެނައުމަށްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!