ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ބޭންކް ލޮކަރުތަކުން ދައުލަތަށް ނިސްބަތްވާ ގާތްގަނޑަކަށް 1.3 މިލިއަން ޑޮލަރުގެ 10 ކިލޯގެ ރަން އެ ގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރިޓީތަކުން އަތުލައިގެންފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެެއެވެ.
ނޭޝަނަލް ބޯޑް އޮފް ރެވެނިއުގެ ސެންޓްރަލް އިންޓެލިޖެންސް ސެލް (ސީއައިސީ)ގެ އޮފިޝަލުން ވިދާޅުވީ 10 ކިލޯގެ ރަން ފެނުނީ ސެޕްޓެމްބަރު މަހު އެމީހުންގެ ބެލުމުގެ ދަށަށް ގެނައި ލޮކަރުތައް ހުޅުވުމުން ކަމަށެވެ.
”ކޯޓުގެ އަމުރަކަށް ފަހު ލޮކަރުތައް ހުޅުވުމުން ކުރީގެ ބޮޑުވަޒީރުގެ ބެލުމުގެ ދަށުގައި ހުރި ގާތްގަނޑަކަށް 9.7 ކިލޯގެ ރަން ފެނުނު،“ ނަން ނުޖެހުމަށް އެދި ސީއައިސީގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވިއެވެ.
ފެނުނު ރަނުގެ ތެރޭގައި ހިމެނެނީ ރަން ފައިސާ ފޮއްޗާއި ބާތަކާއި ގަހަނާއެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ބުނީ ހަސީނާ މަގާމުގައި ހުންނަވައިގެން ލިބުނު ބައެއް ހަދިޔާތައް ”ޓޮޝަޚާނާ“ އަށް ނުވަތަ ދައުލަތާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.
”ޓޮޝަޚާނާ“ އަކީ ބަންގްލަދޭޝްގެ ރައީސާއި ބޮޑުވަޒީރަށް ލިބޭ ހަދިޔާތަކަށް ހާއްސަ ޚަޒާނާއެކެވެ. އެ ހަދިޔާތަކަކީ ދައުލަތުގެ މިލްކެކެވެ. ބަންގްލަދޭޝްގެ ގާނޫނުގައި ވާ ގޮތުން ސަރުކާރުގެ އިސްވެރިންނަށް ލިބޭ އެފަދަ ކޮންމެ ހަދިޔާއެއް ”ޓޮޝަޚާނާ“ އަށް ޖަމާކުރަން ޖެހޭނެއެވެ. އެ ހަދިޔާތައް އަމިއްލަ މީހާގެ ގާޓުގައި ބެހެއްޓުމާއި ވިއްކުމުގެ ހުއްދަ އޮފިޝަލުންނަށް ލިބިފައެއް ނުވެއެވެ.
އަދި ޓެކްސް ނުދައްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށް، ޓެކްސް ފައިލިންތަކުގައި ހޯދި ރަން ޓެކުހުގެ ގޮތުގައި ހަސީނާ ކަނޑައެޅިތޯ ވެސް ނޭޝަނަލް ބޯޑް އޮފް ރެވެނިއު އިން ދަނީ ބަލަމުންނެވެ.
ހަސީނާގެ ވެރިކަން ނިމުނު ފަހުން ބަންގްލަދޭޝްގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާއިރު، އަނިޔާވެރިކަމުގެ ސަބަބުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާނެ ކަމަށް ބެލެވޭ އިންތިޚާބުގެ ކެމްޕޭން ވަނީ ފަސްޖެހިފައެވެ.
މި މަހުގެ ކުރީކޮޅު އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ ދަރިވަރުން އިސްވެ ހުރެ ހިންގި މުޒާހަރާތަކުގައި ހަސީނާ އަމުރުކުރި މަރުގެ ފިޔަވަޅުތަކާ ގުޅިގެން ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ.
ހަސީނާ ވެރިކަމުގައި ދެމިހުރުމަށް އެޅި ފިޔަވަޅުތަކުގައި 1،400 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެއެވެ.



