ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު, ހުށަހަޅާ ފޯމަށް ވަގުތުން ޕޮއިންޓް ލިބޭނެ: މުއްޠަލިބު
ދެންމެ | 18 ޖެނުއަރީ 2026

ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު, ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން އެމީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

 

މި ސަރުކާރުގެ ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅަން މިއަދު ހުޅުވާލާފައިވާއިރު ފޯމު ހުށަހެޅޭނީ އޮންލައިންކޮށް ”ހިޔާވަހި“ ޕޯޓަލް މެދުވެރިކޮށެވެ.

 

މިކަމާގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް ޕޯޓަލްއިން އީފާސް މެދުވެރިކޮށް ލޮގިން ވުމުން ފޯމު ހުށަހަޅަން ބޭނުންވާ ސްކީމް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

 

އަދި އީފާސް މެދުވެރިކޮށް ޕޯޓަލް އަށް ވަނުމުން ޝަރުތު ހަމަވޭތޯ ބެލޭނެ ކަމަށާ، އެހެންކަމުން ޝަރުތު ހަމަވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

”ޕޯޓަލް އިން މައުލޫމާތު ފުރާއިރު ކޮންމެ ބޭފުޅެއްވެސް ޔަގީން ކުރަންވީ ދެއްވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރު ކުރުމަށް. އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަވާނީ މައުލޫމާތު ފުރިހަމަކޮށް އިގުރާރުގައި ސޮއިކޮށް ސަބްމިޓް ކުރެއްވުމުން.“ ވަޒީރު ވިދާޅުވިއެވެ.

 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްތަލިބު

އެޕްލިކޭޝަން ސަބްމިޓް ކުރުމުން ސަބްމިޓް ކުރި ކަމުގެ ލިޔުން އީމެއިލް އަދި މެސެޖުން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެެ.

 

”މި ލިޔުމުގައި އެޕްލިކެންޓަށް ލިބުނު ޕޮއިންޓްގެ އަދަދުގެ ތަފްސީލްވެސް ހިމަނާފައިވާނެ.“ ވަޒީރު ވިދާޅުވިއެވެ.

 

ވަޒީރު އިތުރަށް ވިދާޅުވީ، ސަބްމިޓް ކުރާ އެއްވެސް އެޕްލިކޭޝަނެއް ކެންސަލް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާ، ނަމަވެސް ފޯމު ހުށަހެޅުމުގެ ކުރިން، ޑްރާފްޓުގައި ބައިންދައިގެން ފޯމު ފުރުމާއި ބޭނުންވާ ލިޔެކިޔުންތައް އެއްކުރެވޭނެ ކަމަށެވެ.

 

”އެންމެ ބޮޑަށް ސަމާލުކަންދޭންވީ ފޯމު ފުރިހަމައަށް ފުރައި، ލިޔެކިޔުންތަކާއެއްކޮށް ސަބްމިޓް ކުރުމަށް. އަވަހަށް ސަބްމިޓް ކުރުމަކުން އަވަހަށް ފޯމު ހުށަހެޅުމަކުން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ. އަވަހަށް ފޯމު ފުރުމުގެ ބަދަލުގައި ފޯމަށް ބޭނުންވާ މައުލޫމާތު ފުރިހަމައަށް ސައްހަކަން ކަށަވަރުކޮށް ޑޮކިޔުމަންޓް ތަކާއެކު ސަބްމިޓް ކުރުން“ ވަޒީރު ވިދާޅުވިއެވެ.

 

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން 7900 ފުލެޓް ދޫކުރާއިރު، ފުލެޓަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން 17 އެޕްރީލްވާ ހުކުރު ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

 

އަދި 1500 ގޯތި ދޫކުރާއިރު ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާއިވަނީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

 

މީގެ އިތުރުން މުއްޠަލިބު ވިދާޅުވީ، ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ނެރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު ހުޅުވާލައި އަދި އެފަހުން ލިސްޓްތައް އިވެލުއޭޓް ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމަށާއި، އެގޮތުން ލިސްޓް އިވެލުއޭޓް ކުރަންދާނެ މުއްދަތު އެނގޭނީ ގޯއްޗާއި ފުލެޓަށް އެދޭ ފަރާތްތަކުން ހުށަހަޅާ އެޕްލޮކޭޝަންތަކަށް ބެލުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

 

”އަޅުގަނޑުމެންނަށް ލިބޭ އެޕްލިކޭޝަންގެ އަދަދުން އިވެލުއޭޝަންއަށް ދާނީ ކިހާވަގުތެއްކަން ކަނޑައެޅޭނީ. ކޮންމެ ގޮތެއް ވިޔަސް މީގައި ލިބިފައި ހުރި މައުލޫމާތަށް ބަލާފައި، ވަގުތީ ލިސްޓެއް ނެރެފައި، އަދި އެމީހެއްގެ ނަމުގައި އެއްވެސް ތަނެއް އޮތްތޯ، ރާއްޖޭގެ ހުރިހާ ތަނަކުން ވެރިފައި ކުރަންވެސް ޖެހޭނެ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،“ ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވިއެވެ.

 

އަދި އޭގެ ކުރިންވެސް ވަގުތީ ލިސްޓެއް ނެރެގެން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ހޭދަވާނެ މުއްދަތު އެނގޭނީ އެޕްލިކޭޝަން ލިބޭ މިންވަރަކުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!