އަމިއްލަ ޖީބުން ރައްޔިތުންނަށް ހަރަދު ކުރާ ހަމަ އެކަނި ކެޑިޑޭޓަކީ ގާސިމް: ނިހާން
ދެންމެ | 23 އޯގަސްޓް 2023

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ޖީބުން ރައްޔިތުންނަށް ހަރަދު ކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ކަމަށް އޭނާގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ.

 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ފިނޭގައި ޖޭޕީން ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމް ރައްޔިތުން ކައިރި އަށް ވަޑައިގެން ވޯޓު ދޭށޭ ވިދާޅުވުމުގެ ފުރިހަމަ ހައްގާއި ޝަރަފް އޮންނާނެ ކަމަށެވެ.

 

”އެހެންވީމަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައްޔިތެއްގެ ކުރިމައްޗަށް ހުއްޓި، ތިމަންނާ އަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އެބައޮތް،“ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ނިހާން ވިދާޅުވިއެވެ.

 

ނިހާން ވިދާޅުވީ ރިޔާސީ ކެމްޕެއިނާ ދިމާކޮށް ކުރަމުންދާ ހަރަދުތަކާއި އިސްރާފް ކުރަމުންދާ އިސްރާފާއި ޗާޕް ކުރަމުންދާ ފައިސާގެ ސަބަބުން މި ގައުމު އަނދަވަޅަކަށް ވެއްޓިދާނެ ކަމުގެ ބިރު ގާސިމަށް އޮތް ކަމަށެވެ.

 

”އަވަށްޓެރި ގައުމަކުން މިތަނަށް އެބަ ހަރަދު ކުރޭ. މިތަނަށް ލޯން އެބަދޭ. އަޅުގަނޑުމެންނަށް ނުކަތާ ވަރަށް އެ ތަނުގެ އެގްޒިމް ބޭންކުން މިލިއަނުން، ބިލިއަނުން ޑޮލަރު ނަގާފައި އެއިން ކަމެއް ނުވެސް ވާ އިރު، އޭގެ މޯހިރްގައި ނުކުމެދާނެ ނަތީޖާއާ މެދު ކަންބޮޑުވުން އެބައޮތް،“ ނިހާން ވިދާޅުވިއެވެ.

 

ނިހާން ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރީގައި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރުން ބޭރަށް ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރު އެބައޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ލޯން ނެގި ނަމަވެސް ”އެސެޓް“ އުފައްދާފައި ހުރި ކަމަށާއި އެ އެއްޗެއް މޯގޭޖްކޮށްލާފައި ފައިސާ ލިބޭނެ ގޮތް ވެސް ކުޑަމިނުން އެބަހުރި ކަމަށް ނިހާން ވިދާޅުވިއެވެ.

 

ނަމަވެސް މި ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނަގަމުންދާ ފައިސާ އިން އާހިރު ނަތީޖާއެއްގެ ގޮތުން އެމީހުން އައިސް ލޯން ދޭން އަންގާނެ ކަމަށާއި ލޯން ނުދޭ ނަމަ، އެމީހުން ބޭނުން ވާނީ ރާއްޖޭގައި ހުރި ތަންތަން ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

 

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މަސައްކަތް ކުރެއްވި އިރުގައި، އެކަމުގައި އެންމެ ބޮޑަށް އެހީތެރިވެވަޑައިގެންނެވި ބޭފުޅަކީ ވެސް ގާސިމް ކަމަށް ނިހާން ވިދާޅުވިއެވެ. އެހެންވެ، ގާސިމް އެ ނުކުންނެވީ ގައުމުގައި ހުރި މި މައްސަލަތައް ހައްލު ކުރަން އެތައް ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވާފައި ހުރި ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!