ވައްކަމާއި ޖިންސީ ގޯނާގެ ތުހުމަތުގައި އިސްތިއުފާދިން އިކްރާމަށް ވެމްކޯގެ ޑީއެމްޑީކަން ދެއްވައިފި
ދެންމެ | 04 ސެޕްޓެމްބަރ 2022

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަލީ އިކުރާމަށް ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ވެފައިވަނިކޮށް މަޤާމުން އިސްތިއުފާ ދިން އަލީ އިކްރާމް އަށް ވެމްކޯއިން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނުކޮށްފި އެވެ.

މޯލްޑިވް ގޭހުގައި މަސައްކަތް ކުރި އިރު، އެންމެ ފުރަތަމަ އިކްރާމްގެ މައްޗަށް ކުރެވުނީ އެކުންފުނީގެ އަންހެން މުވައްޒަފުން ތަކަކަށް މަގާމުގެ ބާރު ބޭނުކޮށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. އެމައްސަލައިގައި އޭނާ ސަސްޕެންޑުކޮށްފައި ވަނިކޮށް އަމިއްލަ އަށް ވަނީ އިސްތިއުފާ ދީފައެވެ.

އޭނާ އިސްތިއުފާދިންއިރު، ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓު އޯންޑް އެންޓަޕްރައިސް ކޮމިޓީން އިކުރާމުގެ މައްޗަށް ތުހުމަތުވާ މި ދެ މައްސަލައިގެ ތަހުގީގު ދިޔައީ ހިންގަމުންނެވެ.

މީގެ އިތުރުން އޭނާއަކީ ކޮވިޑު-19ގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުވާ މީހެކެވެ.

އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމުން އިކުރާމުވަނީ އޭނާ ފުރޭމުކޮށްފައިވާ ކަމަށް ވިދާޅުވެ، އެސްޓީއޯގެ އިންޓާނަލް އޮޑިޓު ހެދި ފަރާތްތަކަށް ތުހުމަތުތަކެއް އަމާޒުކޮށްފައެވެ.

އިކުރާމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. އޭރު އިކްރާމް ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގައި ފިޔަވަޅެއް ނޭޅޭނެ ކަމަށް ވިދާޅުވެ، ކުންފުނީގެ މުވައްޒަފުންނަށް ބިރުވެސް ދައްކައިފައެވެ.

އިކުރާމް މި މަގާމަށް އައްޔަނު ކުރުމުން އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެކަމަށް ފާޑު ކިޔައި ޓުވިޓާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!