ހަތަރު ގަނޑު ފޮޓޯއިން ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ދައްކާލައިފި
ދެންމެ | 08 ސެޕްޓެމްބަރ 2022

މާލެއާއި ތިލަފުއްޓާއި ދެމެދު އެޅޭ ބުރިޖުގެ މަސަައްކަތަށް ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުން އެ ފަރަށް ލިބިފައިވާ ބައެއް ގެއްލުންތަކުގެ ފޮޓޯ ތަކެއް އެންވަރްމެންޓަލް ޕްރޮޓެކްޝަން އެގެންޖީ (އީޕީއޭ) އިން އާންމު ކޮށްފިއެވެ.

އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެންކަރ ކުރުމުގެ ތެރޭގައި ކަހާލައިގެން ފަރަށް އެރި ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. ފްލެޓްފޯމް ފުންކުރުމުގައި މިހާ ގިނަ ދުވަސްތަކެއް ނެގި ސަބަބެއް ކަމަށް ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފައިވަނީ މޫސުން ގޯސްވުމެވެ. ބުރިޖު ފަރަށް އެރި ހާދިސާގައި ތިން މީހަކަށް އަނިޔާވެ ފަރުވާވެސް ދީފައިވެއެވެ.

އީޕީއޭއިން މި ހާދިސާގައި ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ދިރާސާ ކުރަން ފަށާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އީޕީއޭއިން ރޭ އާންމުކުރި ފޮޓޯތަކުން ފަރުގެ ގިނަ މުރަކަތައް ހަލާކުވެ، އާނުގަނޑުގައި ހެދިފައިވާ ހަތަރު ވަޅުގަނޑެއް ފެނެއެވެ. ބެލެވޭ ގޮތުގައި ފަރަށް ލިބުނު ގެއްލުމުގެ އިތުރު ތަފްސީލީ ރިޕޯޓެއް އީޕީއޭ އިން އާންމު ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!