އެހެން ގޮތެއް ނެތިގެން ނޫނީ، ކައުންސިލްތަކަށް އަދަބު ދިނުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން: އަފްޝަން
ދެންމެ | 12 ސެޕްޓެމްބަރ 2022

ލޯކަލް ކައުންސިލްތަކުން ގޯސް ކަމެއް ކުރާ ކޮންމެ ފަހަރަކު ފިޔަވަޅު އެޅުމާއި އަދަބު ދިނުމަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަންކުރަން ބޭނުންވާ ގޮތެއް ނޫން ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި މިއަދު ފެށުނު ”ވިއަވަތި“ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ އެލްޖީއޭގެ ދައުރަކީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްބާރުލުން ދިނުން ކަމަށެވެ.

އަފްޝަން ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން އިންގިލާބީ ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް އަފްޝަން ވިދާޅުވި އެވެ. އަފްޝަން ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

އުޅަނދުތަކުގެ ފީ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖެއްސުމާއި ބްލޮކް ގްރާންޓް ދިނުމުގައި މިހާރު އަމަލުކުރާ އުސޫލު ބަދަލުކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް އަފްޝަން ވިދާޅުވި އެވެ.

”އެލްޖީއޭ ހަގީގަތުގައި ވާންޖެހޭނީ ކަމެއް ގޯހުން ދާނަމަ އެކަން ރަނގަޅު ކުރުމަށް ލަފަ އާއި އިރުޝާދު ދޭ އެކުވެރިއަކަށް،“ އަފްޝަން ވިދާޅުވި އެވެ.

”ވިއަވަތި“ ރާއްޖެ ކޮންފަރެންސަކީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމު ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަދި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ވެސް ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!