ދިވެހި އަސްކަރިއްޔާ އިން ޗަންޕާ އުއްޗު އަށް އައްޑަނަ އަރުވައިފި
ދެންމެ | 14 ސެޕްޓެމްބަރ 2022

ސިފައިންނަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދެއްވާފައި ވާތީ، ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އަށް ހާއްސަ އައްޑަނައެއް އަރުވައިފި އެވެ.

ދިވެހި ސިފައިންނަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަމާއި ހިދުމަތްކޮށްދެއްވަމުން ގެންދަވާތީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި އުއްޗުއަށް އަރުވާފައި ވަނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ އައްޑަނަ އެވެ. އެ އައްޑަނަ އުއްޗުއަށް އަރުވާފައި ވަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

އުއްޗު އެކި ގޮތްގޮތުން ވަނީ ސިފައިންގެ ހިދުމަތަށް އެހީތެރިވެ ދެއްވާފަ އެވެ. އެގޮތުން، ސިފައިންގެ މަޝްރޫއުތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފަ އެވެ.

ސިފައިންނަށް ފޯރުކޮށްދޭ އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރޭގެ ޖަލްސާގައި ވަނީ އެކި ކުންފުނިތަކަށް ވެސް ހިދުމަތުގެ އަގު ވަޒަންކުރުމުގެ އައްޑަނަ އަރުވާފަ އެވެ. އައްޑަނަ އެރުވި ކުންފުނިތަކުގެ ތެރޭގައި ޓީއެމްއޭ، އެމްއޭސީއެލް، އައިލެންޑް އޭވިއޭޝަން، ވޯޓާ ސްކޮޔާސް، ވިލާ ގްރޫޕް، އުރީދޫ މޯލްޑިވްސް، ކައްދޫ އެއާޕޯޓް ކޮމްޕެނީ، މާންދޫ ފިޝަރީޒް، ލިއޯ ޓްރޭޑިން، އަދި ޔުނިވާސަލް އެންޓަޕްރައިޒެސްގެ އިތުރުން ކްރޮސް ރޯޑްސް މޯލްޑިވްސް ހިމެނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ސަލާމަތީގޮތުން ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ރައްޔިތުންނާއި، ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަމަށް ވަރަށް ގާތުން ދިވެހި ސިފައިން ދަނީ ގިނަ ހިދުމަތްތަކެއް ކޮށްދެމުންނެވެ. އެ ހިދުމަތް ފޯރުކޮށްދިނުމަށް އާންމު ފަރާތްތަކުގެ އިތުރުން އެކި މުއައްސަސާތަކުން ވެސް ދަނީ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!