މަސްހޫރު ލަވަ ކިޔުންތެރިޔާ ހުޒާމް ނިޔާވެެއްޖެ
ދެންމެ | 12 އޯގަސްޓް 2022

ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މުހަންމަދު ހުޒާމް މިރޭ ނިޔާވެއްޖެ އެވެ.

އޭނާގެ މަރާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އަދި ނުލިބެ އެވެ. އެހެން ނަމަވެސް އޭނާ އަކީ ފުއްޕާމޭގެ ބައްޔަކަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭސް ކުރަމުން އައި މީހެކެވެ. އޭނާ ނިޔާވީ ބެންގަލޫރުގައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ.

ޓީވީއެމްގެ ސްކޫލު ކުދިންގެ ލަވަ މުބާރާތުން، 1990ގެ މެދުތެރޭގައި އޭރު މާލޭ އިންގްލިޝް ސްކޫލުން ވާދަކޮށް، ދެ އަހަރު އެއް ވަނަ ހޯދައި، އޭގެ ފަހުން ފިލްމުތަކާއި އަލްބަމްތަކަށް ލަވަ ކިޔައި އޭނާ ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އެހެން ނަމަވެސް، ލަވައިގެ ދާއިރާގައި އޭނާ އަމަލީ ގޮތުން ނޫޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

ދ. ހުޅުދެއްޔަށް އުފަން ހުޒާމް، 48، އަކީ ރާއްޖޭގައި ވަރަށް މަޝްހޫރުވެގެން ދިޔަ ލަވަތަކެއްގެ އަޑުގެ ވެރިޔާ އެވެ. ލަވައިގެ ދާއިރާގައި 2000ގެ ކުރީކޮޅުން ފެށިގެން އޭނާ އަކީ އެންމެ ޑިމާންޑް ބޮޑު އެއް ލަވަކިޔުންތެރިޔާ ވެސް މެ އެވެ. އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، ފިލްމް ”އުދާސް“ އަށް ކިޔައިދީފައިވާ ”މުޅި ޖާން ހިތާ“ އަކީ މިހާރު ވެސް އެތައް ބަޔެއްގެ އެންމެ ހިތްއެދޭ ލަވަ އެވެ. އަދި ”ދޮންކަނބުލޯ ނިދާލާށޭ“، ”ތުއްތު މޫނާ“، ”ވަކިވީ ލޯބިން“ ކަހަލަ ލަވަތަކަކީ އާންމުންގެ ތެރޭގައި އަދިވެސް މަގުބޫލު ލަވަތަކެވެ. އޭނާ ވަނީ އެތައް ބައިވަރު ލަވަ ރެކޯޑްކޮށްފަ އެވެ.

ހުޒާމް އަކީ އިންޖީނިއަރިންގެ ރޮނގުން މެލޭޝިޔާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ އެ ދާއިރާގައި ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!