ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް އޭޕްރިލް މަހު ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ބިން ހިއްކުން އަވަސް ކުރަން ގެނައި ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
ކުރިން މި މަސައްކަތް ކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށް ބިންތަކެއް ދޭން ޖެހޭ ގޮތަށް ކަމަށްވާތީ އެއްބަސްވުން ފަހުން ބާތިލްކުރީ އެވެ.
ރައީސް ޑރ. މުއިއްޒު މިއަަދު ވަނީ ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބު ދައްކުވައިދޭ ޑްރޯން ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވައިފިއެވެ. ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.
”އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،“. ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ނިންމީ 2،000 ގޯއްޗެވެ. އެކަމަކު، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅުމަށް އޭޕްރީލް ހަތެއް، 2024ގައި ހުޅުވާލި އެވެ.
އެ ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލު ކުރުމަށް 2210 މީހުން އެދުނެވެ. އެ މީހުންގެ މެދުގައި ޖޫން މަހު ވަނީ ގުރު ނަގާފަ އެވެ.



