ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް
ދެންމެ | 24 މާރޗް 2026

ބަލީގެ ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ އެ ބަލި ނައްތާލަން ހަރުދަނާ ސިއްހީ ނިޒާމު ދެނެގަނެ، މުޖުތަމައުގެ ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރެވޭ ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ ބަލިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވަމުން ނެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގަ އެވެ. ޓީބީ ނުވަތަ ދިވެހިންގެ ތެރޭގައި ކިޔާ ގޮތުންނަމަ ކެއްސުން ބައްޔަކީ މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، ރާއްޖޭގައި 2024 ވަނަ އަހަރު 148 މީހުންނަށް ޓީބީ ޖެހިގެން ރިޕޯޓުކުރި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!