މާލޭން ހިލޭ ބިން ބެހުމަކީ ސަރުކާރުން ހިންގާ އެމްއެމްޕީއާރުސީގެ ހިޔާނާތަށް ވުރެ ބޮޑު ޖަރީމާއެއް!
ދެންމެ | 17 އޯގަސްޓް 2023

އަހަރެމެން މާލެ އަންނަން މަޖުބޫރު ކުރީ ދިވެހި ސަރުކާރު ހިންގި ވެރިންނެވެ. ދިވެހި ދައުލަތުގެ ބަޖެޓަކީ ހަމަ އެކަނި މާލެއަށް ނިސްބަތްވާ މީހުންނަށް އެކަނި ތަރައްގީ އާ ތަމައްދުން ގެނުވަން އޮތް އެއްޗެއް ނޫނެވެ.

ނަމަވެސް އެކަމާ މާލޭމީހުންދެކެ އަހަރެމެން ރުޅިއެއް ނާންނަމެވެ. މިތަނަށް އަހަރެމެން ހިޖުރަ ކުރީ މާލެއިން ލިބޭ ތައުލީމާއި ސިއްހީ ފަރުވާ އާއި ވަޒީފާ އާއި އަދި އެނޫނަސް އެެހެނިހެން ޒަރޫރީ ބޭނުންތައް ނުފުއްދޭތީއެވެ.

އަހަރެމެންގެ ރަށް ވެސް މިހާ ތަރައްގީ ކޮށްދިން ނަމަ އަހަރެމެން ދިރިއުޅުން ބައްޓަން ކުރާނީ އެތަނުގައެވެ. މިތަނަށް ވުރެ މާހިތްފަސޭހަ މާހައުލެކެވެ. އެހެން ނަމަވެސް މިއަދު އަހަރެމެން ރަށްރަށަށް ގޮސް ކުރާނެ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެހެންވީމާ އަހަރެމެން ރާއްޖެތެރޭމީހުން މާލެ ސިޓީގައި ދިރިއުޅެން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް މަގު ފަހި ކޮށްދިނުމަކީ ސަރުކާރަށް ލާޒިމު ކަމެކެވެ. މާލެ ތަރައްގީ ކުރީ މާލޭމީހުންގެ އެކަނި ފައިސާ އަކުންނެއް ނޫނެވެ.

އެކަން ކުރީ އަހަރެމެން ރާއްޖެތެރޭ މީހުންގެ ބޮލަކަށް ޖެހޭ ފައިސާ ވެސް ހިމަނައިގެންނެވެ. މާލޭގެ ބޯހިޔާވަހިކަން ނެތި ތިބި ފަގީރުންނަށް ބޯހިޔާވަހިކަން ދީގެން އަހަރެމެން ރާއްޖެތެރޭމީހުން އެއްގޮތަކަށްވެސް އެކަމާ ކަންބޮޑެއް ނުވަމެވެ.

އެހެން ނަމަވެސް މާލޭގައި މިހާރުވެސް އެކި އެކި ވިޔަފާރި ކުރަމުންދާ ބޯހިޔާވަހިކަން ހުރި މީހުންނަށް މާލޭގައި އޮތް ބިމުން ހިލޭ ގޯތިދީ އަނެއްކާ ވެސް އަހަރެމެން ރާއްޖެތެރޭމީހުން އަތުން ބޮޑު ކުލި ހޯދަން ފުރުސަތު ދިނުމާ އަހަރެމެން ދެކޮޅެވެ.

އެންމެ މީހަކަށް ވިޔަފާރިއެއް ކޮށްދިނުމުގެ ބަދަލުގައި ސަރުކާރުތަކުން ވިސްނަން ޖެހޭނީ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދެވޭނެ ގޮތެކެވެ.

މިކަމުގައި ސިޔާސީ އެއްވެސް ބަޔަކު ބަސްނުބުނަނީ ކީއްވެގެންތޯ އަޅުގަނޑުގެ ހިތަށް އަހަރައެވެ. ވޯޓުލާންވީމާ ރާއްޖެތެރޭ މީހާގެ ވޯޓުވެސް މުހިންމެވެ. އެހެން ނަމަވެސް އެމީހުންގެ ހާލަތު ބަލާނެ ބަޔަކު ނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!