ދިވެހީންނަށް ކަޒަކިސްތާނުން އޮން އަރައިވަލް ވިސާ ދޭން ފަށައިފި
ދެންމެ | 17 ސެޕްޓެމްބަރ 2022

މިދިޔަ މޭ މަހު ދިވެހިރާއްޖެއާއި ކަޒަކިސްތާނާއި ދެމެދު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ކަޒަކިސްތާނުން އޮން-އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާރު ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ދޭން ފަށާފައިވާކަމަށެވެ. ނަމަވެސް 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަންޖެހޭނެއެވެ.

ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކުރީ މޭމަހުގެ 9 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ. އަދި ކަޒަކްސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވްއެވެ.

ސޮއި ކުރި ”އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް“ގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!