އީރާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން މާދަމާއިން ފެށިގެން މެދުއިރުމަތީގައި ހިންގަމުންދާ އެމެރިކާގެ ޓެކްނޮލޮޖީއާ ގުޅުން ހުރި ކުންފުނިތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ދީފިއެވެ.
އައިއާރްޖީސީން އިންޒާރު ދީފައި ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ޓެކް ކުންފުނިތަކަށެވެ. މިގޮތުން އެތަންތަނުގެ މުވައްޒަފުންނާއި، އެ ތަންތަން ކައިރީގައި ދިރިއުޅޭ މީހުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އައިއާރްޖީސީން އަންގާފައި ވެއެވެ.
”ޓާގެޓްތައް ޑިޒައިންކޮށް ޓްރެކް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެމެރިކާ އާއި އައިސީޓީ އަދި އޭއައި ކުންފުނިތައް. މިހިސާބުން ފެށިގެން [މި މައި މުއައްސަސާތައް] ވާނީ އަޅުގަނޑުމެންގެ ގާނޫނީ ޓާގެޓަކަށް،“ އީރާނުގެ ތަސްނިމް ނިއުސް އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އައިއާރްޖީސީން ބުނީ އީރާނުގެ އިތުރު ލީޑަރުން އަވަހާރަކޮށްލައިފިނަމަ، މާދަމާ ރޭ 8:00 އިން ފެށިގެން ބޮއިންގް، ޓެސްލާ، މެޓާ، ގޫގުލް އަދި އެޕަލް ފަދަ 15 ކުންފުންޏަކަށް ހަމަލާ ދޭނެ ކަމަށެވެ.



