މަދީނާގެ މާތް ބިމުގައި، ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމީ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއިއެކުއެވެ. މި އެއްބަސްވުމުގައި އިސްލާމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަދީނާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި ފަދައިން މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންކަން ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އާއި ޕާކިންވެސް ހިމެނޭހެން ކަމަށާއި، ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށެވެ. އަދި ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެކަމަށް ވުޒާރާއިން ބުންޏެވެ.
މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތްތައް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށާއި، މި މަޝްރޫއުގެ ޑިޒައިނިން އާއި ހުރިހާ މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ވަޒީރުވަނީ ހާމަކުރައްވާފައެވެ.
ހަމައެހެންމެ ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެ ކަމަށެވެ. އަދި މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައި ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



