ގޭތެރޭ ހަރަކާތަކުން ދާ އޮހޮރާލުން މާ ފައްކާ!
ދެންމެ | 03 ޖުލައި 2023

ބުރަ މަސައްކަތެއް ކޮށްލާއިރަށް ނުވަތަ ވަރުބަލިވާ ކަމެއް ކުރާއިރަށް ނުވަތަ އަވީގައި ހޫނުގައި އިރު، ހޫނުއަރާ ދާހިއްލުމަކީ އާއްމު ކަމެކެވެ. އަދި މިއީ އާދައިގެ ކަމެެއްވެސް މެއެވެ. އަދި މިއީ ކަމެއްގެ ގޮތުން އިންސާނާގެ ހަށިގަނޑުގައި ހިނގަންވެސް ޖެހޭނެ ކަމެކެވެ.

އިސްވެ ދެންނެވުނު ސަބަބުތަކުން ކުރެ ސަބަބެއް މެދުވެރިވެގެން، އިންސާނާގެ ހަށިގަނޑުގެ ހޫނުމިން މައްޗަށް ދާނަމަ، އެ ހޫނުމިން އެއް ހަމައެއްގައި ނުވަތަ މާހައުލާއި އެކަށީގެންވާ ފިނިހޫނުމިނެއްގައި ހިފަހައްޓައިދޭން އެބަ ޖެހެއެވެ. އެހެންކަމުން ހަށިގަނޑުގެ އެތެރޭގައި އުފެދޭ ގަދަ ހޫނު، ހަށިގަނޑުން ބޭރުކޮށްދީ، ހަށިގަނޑު ފިނިކޮށްދިނުމަށް ދާހިއްލުން މެދުވެރިވެއެވެ. ދާހިއްލުމަކީ އިންސާނާގެ ހަންގަނޑުގައި ހުންނަ ކުދި ކުދި ލޯވަޅުތަކަކުން ފެން ނުކުތުމެވެ. މި ލޯވަޅުތަކަށް ސްވެޓް ގްލޭންޑޭ ކިޔައެވެ.

މަޝްހޫރު ފިޒިއޮލޮޖިސްޓް ޕަމެލާ ވެބް’ބާޓް ވިދާޅުވާ ގޮތުން، ”އިންސާނާ ދާނުހިއްލާނަމަ، އިންސާނާގެ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ހޫނުން އިންސާނާގެ އެތެރެހަށީގެ ގުނަވަންތައް ރޯފިލާނެއެވެ.“

ދާހިއްލާއިރު އޮހޮރޭ ދަލުގެ ބޮޑު ބަޔަކީ ފެނެވެ. ނަމަވެސް އިލެކްޓްރޯ ލައިޓްސް ނަމަކަށް ކިޔާ މާއްދާތަކަކީ ދާހިއްލާއިރު ބޭރުވެދާ މާއްދާތަކެވެ. މިއީ ހަށިގަނޑުގައި ވަރުޖެހުމަށް އަސާސީ މާއްދާތަކެކެވެ. އެއީ ސޯޑިއަމް، ކްލޮރައިޑް، ޕޮޓޭސިއަމް، ކެލްސިއަމް އަދި މެގްނޯޒިއަމް އެވެ. އެކި މީހުން ދާހިއްލާއިރު، ފެނާއި އެކު ބޭރުވާ މި އިލެކްޓްރޯލައިޓްސްގެ މިންވަރު އެކި މީހުންގެ ތަފާތުވާނެއެވެ.

އެގޮތުން، ދުޅަހެޔޮ، ވަރުގަދަ، ބުންވަރު ހުރި ހަށިގަނޑަކުން އޮހޮރޭ ދަލުގައި ސޯޑިއަމް ގެ މާއްދާ ބޭރުވާ މިންވަރު މަދުވެދާނެއެވެ. ނަމަވެސް މުޅިން ”ފިޓް“ ނޫން މީހުންގެ ހަށިގަނޑުން ސޯޑިއަމް ބޭރުވާ މިންވަރު އިތުރުވެދެއެވެ.

މި ސަބަބާއި ހުރެ، ކުޅިވަރު ކުޅޭ ގިނަ މީހުން، ކުޅިވަރުކުޅެން ފެށުމުގެ ކުރިން ”ފިޓް“ ވެއެވެ. މުޅިން ”ފިޓް“ ނުވާނަމަ، ދާހިއްލުމާއި އެކު ސޯޑިއަމް ބޭރުވާ މިންވަރު ގިނަވެ، ލޭގެ ތެރޭގައި ހުންނަ ލޮނުގެ މިންވަރު މަދުވެ އަވަހަށް ވަރުބަލިވެ، އަކުނިވަޔަށް ދަމާ ގޮތް ވެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކުން ދުރުވުމުގައި ލޮނުގެ ތާސީރެއް އޭގައި އެކުލެވޭ ބުއިމެއް ބޭނުންކުރުން ބުއްދިވެރިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!