މިފަހުން އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަ އަށް ހައްލު ހޯދިއްޖެ: ސޯލިހު
ދެންމެ | 11 އޭޕްރިލް 2026

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް މިހާރު ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

ޅ. ހިންވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައަކާ ހުރެ ޕާޓީގެ އިސްކޮށް ތިބި ހުރިހާ ލީޑަރުން ދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އިއްޔެ ވެސް އަދި ރޭގައި ވެސް އެކަމަށް ކުރި މަސައްކަތުން މިހާރު މިކަމަށް ހައްލެއް ހޯދިފައިވާ ކަމަށެވެ.

”އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަނުދައްކައެއް ނޫން މިތިބީއެއް. މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާ އެކީ ގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މިތިބި މީހުން މިދަނީ މަޝްވަރާކޮށް، މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން،“ އިބޫ ވިދާޅުވި އެވެ.

ސޯލިހު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ހުރިހާ ލީޑަރުން ފާއިތުވި ދުވަސްތަކުގައި ވަރަށް ދިގުކޮށް މަޝްވަރާކޮށްފައިވާ ކަަމަށެވެ. އެ މަޝްވަރާތަކުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު އިބޫ ވަނީ 2028 ވަނަ އަހަރު ރާއްޖޭގައި އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެކަން ހާސިލުކުރުމަށް ޕާޓީގެ ހުރިހާ ލީޑަރުން އެކުގައި ހިމެނޭ ގޮތަށް ރޭވިގެން މަސައްކަތް ކުރާތަން ޕާޓީގެ އާންމު މެމްބަރުންނަށް ދެން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދުނުއިރު، މީގެ ކުރިން ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ބައިބައިވެގެން ގޮސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!