ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، މިހާރު މިއީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިސޯދަށް ބޮޑުކުރަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ގޮވާލެއްވީ ރާއްޖެއަށް ބޭނުންވެފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފުވެރި އިންތިހާބެއް ރާވައި ހިންގުމަށްޓަކައި ހުރިހާ ޕާޓީއެއް ހިމެނޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ.
”މިއީ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ކެބިނެޓުގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ވަޒީރުންގެ އިސްތިއުފާއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން 10 ވަޒީރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ މިހާރު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.



