ފައްޔާޒުގެ ލޯނާއި ގާސިމް އަތުން ފައިސާ ނެގިކަން ފަޅާއަރައި، ޔާމީނަށް ގައްދާރުވުމުން އަދުރޭ އެހެލައިފި!
ދެންމެ | 22 ސެޕްޓެމްބަރ 2022

ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ މަހުޖަނު ގާސިމް އަތުން ގިނަ އަދަދެއްގެ ފައިސާ ނެނގިކަން ރައީސް ޔާމީނަށް ފަޅާ އަރައި، ޔާމީނަށް އަދުރޭ ގައްދާރުވުމުން އޭނާއަށް ކުރަމުން އައި އިތުބާރު ގެއްލި ޕާޓީގެ ލީޑަރސިޕުން އެހެލައިފި ކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.

ޓިނު އަދުރޭގެ ނަމުން އިދިކޮޅު ފަރާތްތަކުން މުހާތަބު ކުރަމުންދާ އަބުދުއްރަހީމަކީ ރައީސް ޔާމީން ޖަލްގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވެސް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތެވެ. އެހެންނަމަވެސް ރައީސް ޔާމިން ޖަލްގައި އޮންނެވި ދުވަސްވަރުގައި ވެސް އަދުރޭ ގެންދެވީ ގާސިމާއި އެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ކަމަށް ވެއެވެ.

ރައީސް ޔާމީނާއި އަދުރޭގެ ގުޅުމުގެ މައުލޫމާތު އިގޭ ފަރާތަކުން ބުނީ އަދުރޭ މިހާރު ގިނަ ވަގުތު ހޭދަކުރަމުން ދަނީ އޭނާގެ އަމިއްލަ ރަށުގައި ވިޔަފާރިއެއް ތަރައްގީ ކުރުމުގައި ކަމަށެވެ. އޭނާ ބުނީ ގާސިމް އަތުން ލާރި ނެގުމުގެ އިތުރުން މިސަރުކާރުން ވެސް އެސްއެމްއީ ބޭންކު މެދުވެރިކޮށް އެންމެ ކުޑަ އިންޓްރަސްޓް ރޭޓްގައި އަދުރޭއަށް 3 މިލިޔަން ރުފިޔާގެ ލޯނެއް ހަމަޖައްސައި އަދުރޭ ގަނެލާފައިވާ ކަމަށެވެ.

“ މިހާރު އަދުރޭ ގިނައިން އުޅެނީ އޭނާގެ ރަށުގައި، ޕީޕީއެމް ހަރަކާތްތަކަކުން މިހާރު ނުފެނޭ ނޫންތޯ؟ އަދުރޭވެސް ޑީލް ހަދައިގެން މަސައްކަތް ކުރަނީ އޭނާ ސަލާމަތްވޭތޯ! ރައީސް ޔާމީންގެ ބައެއް ސިއްރު ވާހަކަތައްވެސް ގާސިމާއި ސަރުކާރަށް ހިއްސާކޮށްފައިވާކަން ވަނީ ފަޅާ އަރާފަ. އަދުރޭ މިހާރު އެއީ ޖާސޫސެއް.“ އޭނާ އިތުރަށް ބުންޏެވެ.

އޭނާ ބުނީ މިހާރު އަދުރޭ މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޔާމީން ޖަލައްލުމަށް ކަމަށާއި ގާސިމާއި އެކު ރައީސް ޔާމީން ޖަލައްލުމަށް އަދުރޭ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ޔާމީން އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރާ ރައީސް ޔާމީންގެ ފައިނޭންސަލް ކޮންޓްރޯލަރު އަދި ރައީސް ޔާމީން ވެރިކަމުގައި ޗީފް އޮފް ސްޓަރފް ކަން ކުރެއްވި އަހުމަދު މުސްތަފާ ވެސް ދަނީ ވަރަށް ފާޅުގައި އަދުރޭއަށް ހަޖޫޖަހާ މަލާމާތްކޮށް އެކި ގޮތްގޮތަށް ފުރައްސާރަ ކުރައްވަމުންނެވެ.

ސޯސަލް މީޑިޔާގައި ވެސް އަދުރޭއަށް ނިސްބަތްކޮށް މުސްތަފާ ވަނީ ޓިނާއި ހިސާބު އިލްމާއި ގުޅުވާ ވަރަށް ފަހުން ވެސް އަދުރޭއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!