އިންޑިއާއަށް ދޭންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި
ދެންމެ | 23 އޭޕްރިލް 2026
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކައި އަދި އިންޑިއާއިން އިތުރު 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ދޫކުރި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން ދައްކާފައިވާ ކަމަށެވެ.

އަދި އިތުރު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެންވެ، އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ބަޔާނުގައިވަނީ އަލަށް ދޫކުރަން ނިންމި ކަރަންސީ ސްވޮޕްގައި ބޮޑެތި ލުއިތަކެއް ހިމެނޭނެ ކަމަށެވެ.

މީގެކުރިން ރާއްޖެއިން ވަނީ 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ވެސް ދައްކައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!