ފުލުހުން އަތު ހެކެއް ކަރީނާއެއް ނެތި ބައެއްގެ އަބުރާއި އިއްޒަތް ނަގާލުމުން އެންމެން ދޫކޮށްލަން ޕީޖީން އަމުރު ކޮށްފި
ދެންމެ | 24 އޭޕްރިލް 2026

”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން އަތުލައިގަތް ގއ. ވިލިނގިލިއަށް ނިސްބަތްވާ ޑްރަގް ނެޓްވޯކުގެ އިސް މީހުން ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)އިން އަންގައިފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ވިލިނގިލީގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ގއ. ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ. ކޯޓުންވަނީ އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ފުލުހުން މިމަހުގެ ނުވަވަނަ ދުވަހު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ހަމަ އެ ދުވަހު ފޮނުވާފައިވާ ކަމަށެވެ.

ޕީޖީއޯގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު ރޭ ވިދާޅުވީ އެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާ ކަމަށެވެ.

”އެ މައްސަލައިގަ ދައުވާކުރާ މުއްދަތު މިއަދަށް ހަމަވެފަ އޮތީ. ދެން ހަމަވާންވާއިރަށް ލިބިފައިވާ ހެކިތައް ދިރާސާކުރިއިރުގަ ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، ޝަރީއަތް ނިމެންދެން ބަންދުގައި ހުރިިހުރުން ނިމުމަކަށް ގެންނަން ފުލުހުންނަށް ދެންނެވި“ ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މިވަގުތު ކުރެވެން ހުރީ ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކަމަށެވެ. އެ ދައުވާ މިއަދުވަނީ ޑްރަގް ކޯޓަށް ހުށަހަޅާފައި ކަމަށާއި އެ ދައުވާ ކޮށްފައިވަނީ މަދީހު، ޝައްފާހު އަދި އަނާމުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ. ނޫރުއްނިޒާމުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އެބައި އަނބުރާ ފޮނުވާލާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ.

”ދެން މި މައްސަލައިގަ ތަހުގީގު ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އަދި ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދު ފުލުހުންނަށް ދީފައިވާނެ. މި ހައްޔަރާ ގުޅިގެން 90 ދުވަސް ތެރޭގައި ތަހުގީގު ފުރިހަމަ ކުރަން ޖެހޭތީ އެ މުއްދަތުގައި ތެރޭގައި އެ މިންވަރަށް ހެކި ލިބިފަ ނެތީ. އެކަމަކު އިތުރަށް ތަހުގީގު ފުޅާކޮށް ކުރިއަށް ގެންދަން ލަފާދީފަވާނެ“ ޝަފީއު ވިދާޅުވިއެވެ.

ފުލުހުން ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލިނގިލިއަށް ނިސްބަތްވާ އެ ޑްރަގް ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުގައި 300 މިލިއަން ރުފިޔާ ދައުރުވި ކަމަށެވެ. އެ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުންކަމަށް ތުހުމަތުވާ މީހުން ކަމަށެވެ. އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

”އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކް މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަންއަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަންވަނީ ފާހަގަކުރެވިފައެވެ.“ ފުލުހުން ބުނެފައިވެއެވެ.

އެ ނެޓްވޯކުގެ މެންބަރެއްކަމަށްވާ އަހުމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17،174،461.12 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

”ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،638.99 ރުފިޔާ“ ފުލުހުން ބުނެފައިވެއެވެ.

އަހުމަދު އަނާމް އިބްރާހިމްގެ ބޭންކު އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

”މި މުއްދަތުގެ ތެރޭގައި އަހުމަދު އަނާމް އިބްރާހިމް ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 ރުފިޔާ“ ފުލުހުން ބުނެފައިވެއެވެ.

އަދި ޝައްފާހު ލަތީފުގެ ބޭންކު އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

”މި މުއްދަތުގެ ތެރޭގައި ޝައްފާހު ލަތީފުގެ ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 317،635.36 ރުފިޔާ“ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި، އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވި 19 ފަރާތެއް، ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އެ ހުރިހާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!