ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަޤާމަށް އަފީފު އައްޔަނުކުރައްވައިފި
ދެންމެ | 27 އޭޕްރިލް 2026

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ނަޖާހް އެވެ. އޭނާ އެ މަޤާމުން ވަކިކުރެއްވީ މި މަހުގެ ހަވަނަ ދުވަހު އެވެ.

ނަޖާޙް އެ މަޤާމަށް އައްޔަނު ކުރެއްވީ ޑިސެންބަރު 23, 2024 ގަ އެވެ. އޭގެ ކުރީން ފެނަކައިގެ އެމްޑީ އަކަށް ހުންނެވީ މުހައްމަދު މުއާޒު ރަޝީދު އެވެ. އޭނާ ވަނީ ޑިސެންބަރު 23, 2024 ގައި މަޤާމުން އިސްތިޢުފާ ދެއްވައިފަ އެވެ.

ސަރުކާރުން ދަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ކުންފުނިތަކުގެ ވެރީން ބަދަލު ކުރައްވާ ހިންގުން ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!