ހއ. ބާރަށަށް އުފަން ޝިޔާމަކީ ކުޑައިރުއްސުރެ ވެސް ނެށުމުގެ ދާއިރާއަށް ޚާއްޞަ ލޯތްބެއް އަދި ޝައުގުވެރިކަމެއް ބަހައްޓަމުން އަންނަ ފަރާތެކެވެ. އޭނާގެ މި ފާހަގަކޮށްލެވޭ ހުނަރުވެރިކަން މިއަދު މިވަނީ މުޅި ރާއްޖެއަށް ދައްކާލައި، އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މިވަގުތު ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝިޔާމް، އޭނާގެ އަންހެނުންގެ ރަށް ކަމަށްވާ ރ. އުގޫފާރަށް ދިޔައީ އީދު ޗުއްޓީއަށެވެ. އަބަދުވެސް ނެށުމަށް ނުހަނު ފޯރި ހުންނަ ޝިޔާމް، އުގޫފާރުގައި ކުރިއަށްދިޔަ އީދު ފޯރީގެ ތެރެއިން ފެނިގެންދިޔައީ އެންމެން ހައިރާންކޮށްލި ނެށުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ ފަރި ހަރަކާތްތަކުން މުޅި އީދު ފޯރި އިތުރަށް ގަދަކޮށްލިއެވެ.
ޝިޔާމް ނަށަމުންދިޔަ ފޯރިގަދަ ލަވައަކީ މިފަހަރުގެ އީދުގައި އެންމެ މަގުބޫލުވި އެއް ލަވަކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ލަވަ މުޅި ރާއްޖޭގައި އެހާ ބޮޑަށް ”ހިޓް“ ވެގެންދިޔަ އެއް ސަބަބަކީ ވެސް ޝިޔާމްގެ އެ ފަރި ނެށުމާއި އޭނާގެ ފަރާތުން ފެނިގެންދިޔަ ހަކަތައެވެ. މިއުޒިކުގެ ރިދަމާ އެއްވަރަށް ޝިޔާމް ޖައްސަމުންދިޔަ ”ބަޑިބަޑި“ ތަކަކީ ކުޅަދާނަ ނެށުންތެރިއެއްގެ ފަރާތުން ނޫނީ ނުފެންނާނެ ފަދަ ހުނަރުވެރި ހަރަކާތްތަކެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއެކު ޝިޔާމް މިވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. އޭނާގެ މި ހަރަކާތްތަކުން ސާބިތުކޮށްދިނީ، ވަޒީފާގެ ގޮތުން ކިތަންމެ ޒިންމާދާރު މަގާމެއްގައި ހުރި ނަމަވެސް، އަމިއްލަ ހުނަރާއި ފަންނުވެރިކަން ދެއްކުމުގައި އޭނާއަކީ ދެވަނައެއް ނެތް ފަދަ ތަރިއެއް ކަމެވެ



