އީރާނުން ވާހަކަތަކުން ވަކިވެ، ޓްރަމްޕަށް އިންޒާރު ދިނުމުން ތެލުގެ އަގު އުފުލިއްޖެ
ދެންމެ | 01 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުން ވަކިވިކަން ޢިއުލާންކޮށް، އީރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އާ އިންޒާރެއް ދީފިއެވެ. މި އިންޒާރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހުރިހާ ދިމާލަކަށް ހިނގާ އެއްބަސްވުމެއް ކަމަށެވެ. މީގެ ތެރޭގައި އިޒްރޭލުން ހަމަލާދެމުންދާ ލުބުނާނުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އަކީ އީރާނުގެ މަދަދުލިބޭ ޖަމާއަތެކެވެ.

އީރާނުން އިންޒާރު ދީފައިވަނީ ލުބުނާނުގައި އެއްބަސްވުމާ ޚިލާފުވާ ކޮންމެ އަމަލަކީ މުޅި އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގައިފިނަމަ އެމެރިކާއާއި އިޒްރޭލުން އޭގެ ”ނަތީޖާއާ ކުރިމަތިލާން ޖެހޭނެ“ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

”އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ޝައްކެއްނެތް ގޮތުގައި ލުބުނާނު ހިމެނޭހެން ހުރިހާ ދިމާލަކަށް އޮތް އެއްބަސްވުމެއް،“ އަރަގްޗީ ވިދާޅުވިއެވެ.

”އެއްވެސް ފަރާތަކުން މި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އޭގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި އިޒްރޭލުން.“ އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.

މި ނުތަނަވަސްކަމާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ 2 އިންސައްތަ އުފުލި، ފީފާއެއް 93 ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގުވެސް ވަނީ އެވްރެޖްކޮށް 4.32 ޑޮލަރުގައި ހިފެހެއްޓިފައެވެ. މި ހާދިސާ ހިނގާފައިވަނީ ކުވެއިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވަނިކޮށެވެ.

މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އީރާނުން ”އެއްބަސްވުމަކަށް އަންނަން ބޭނުންވާ“ ކަމަށެވެ. ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނާއެކު ވެވޭ އެއްބަސްވުމަކީ އެމެރިކާއަށާއި އެމެރިކާގެ ބައިވެރިންނަށް ފައިދާހުރި އެއްބަސްވުމަކަށް ވާނެ ކަމަށެވެ. ނަމަވެސް ޑިމޮކްރެޓުން މި މަޝްވަރާތަކަށް ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!