ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ވަރަށް މަސައްކަތް ކޮށްފިން، އެކަމު ނިކުންނާނެ މީހުން ނުވި: ފައްޔާޒު
ދެންމެ | 07 ސެޕްޓެމްބަރ 2026

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަގުމައްޗަށް މީހުން ނުނިކުންނަ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޗެއަރޕާސަންގެ މަޤާމުން އިސްތިއުފާ ދެއްވި ފައްޔާޒު މިހެން ވިދާޅުވީ، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 37 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މުޒާހަރާތަކަށް މީހުން ނެރުމަށްޓަކައި ޤައުމީ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އެއްވުންތަކަށް ޕާޓީގެ ޢާންމު މެންބަރުންގެ ފަރާތުން އެދެވޭ ތަރުޙީބެއް ނުލިބެއެވެ.

ޢާންމު މެންބަރުންނާ މެދު ނުރުހުން ފާޅުކުރައްވަމުން ފައްޔާޒު ވިދާޅުވީ، މުޒާހަރާއަށް ނުކުތުމަށް ޕާޓީގެ ލީޑަރޝިޕުންނާއި ޤައުމީ މަޖިލީހުގެ ބޭފުޅުން ގުޅުއްވުމުން، ”ސަރުކާރު އަދި ގޯސް ނޫން ކަމަށް ބުނެ“ ބައެއް މެންބަރުން މަޑުކޮށްލައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 

ޕާޓީއާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ކުޑަވެފައިވާކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތީ ބުރަ މަސައްކަތްތަކެއް ކަމަށާއި، ހަމައެކަނި މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށްގެން އެމްޑީޕީއަށް އަލުން އިތުބާރު ހޯދަންޖެހޭ ކަމަށް ވިދާޅުވެ، މިކަންކަމަށް ފުންކޮށް ވިސްނުމަށް ޤައުމީ މަޖިލީހުގެ މެންބަރުންނަށް އޭނާ ގޮވާލެއްވިއެވެ.

 

ފައްޔާޒު ޤައުމީ މަޖިލީހުގެ މެންބަރުންނަށް މިފަދަ މޭރުމަކުން ފާޑުވިދާޅުވި ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ، ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ފައްޔާޒެވެ. އަދި ވެރިކަން ގެއްލުމަށްފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތާޢީދާއެކު އަލުން ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގައި އިޤްތިޞާދީ ވަޒީރުގެ މަޤާމުގައި ފައްޔާޒު އަދި ފިނޭންސް މިނިސްޓަރުގެ މަޤާމުގައި އިބްރާހީމް އަމީރު ތިއްބަވައިގެން ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ދަށަށްގޮސް، ޕާޓީއަށް ވެރިކަން ގެއްލުމުގެ މައިގަނޑު ސަބަބަކަށް އެ ބޭފުޅުން ވެގެންދިޔަ ކަމަށް އެމްޑީޕީގެ ގިނަ ޢާންމު މެންބަރުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!