ހަރާބު ތެޔޮ އެތެރެކުރެވި އަނެއްކާ ވެސް ލަންކާއިން ކަރަންޓް ކަޑަން ފަށައިފި
ދެންމެ | 27 ސެޕްޓެމްބަރ 2022

ސްރީލަންކާގައި ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑާ ވަގުތު ކުއްލިއަކަށް އިތުރުވެފަައި ވަނީ ދަށް ކޮލިޓީގެ ސާފު ނުކުރާ ތެޔޮ އެތެރެ ކުރުމުން ހަކަތަ އުފައްދާ ޕްލާންޓު ބަންދު ކުރަން ޖެހިގެން ކަމަށް އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޔުޓިލިޓީޒް ރެގިއުލޭޓަރު ޗީފް ޖަނަކަ ރަތުނަޔަކެ ވިދާޅުވީ ޕްލާންޓްގައި އެންދި ތެލުގައި މާ ގިނައިން ސަަލްފާ ހުރި ކަމަށެވެ. އެހެން ނަމަވެސް ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

ސްރީލަންކާގައި އާއްމުކޮށް ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑަނީ 80 މިނެޓަށެވެ. އެކަމަކު މިދިޔަ ހަފްތާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް 140 މިނެޓަށް ކަރަންޓު ކެނޑުން އިތުރުވި އެވެ.

ރަތުނަޔަކެ ބީބީސީއަށް ވިދާޅުވީ ރަނގަޅު ކޮލިޓީގެ ސާފު ނުކުރާ ތެޔޮ ގަންނަ ނަމަ، މި މައްސަލަ ދިމާނުވާނެ ކަމަަށެވެ.

އޭނާ ވިދާޅުވީ ލަންކާއަށް ބޭނުންވާ ކަރަންޓުގެ 10 ޕަސެންޓު އުފައްދަނީ ޑީސެލް އަދި އެހެން ތެޔޮ ބޭނުން ކުރާ ޕްލާންޓުތަކުން ކަމަށެވެ. އެ ގައުމަށް ބޭނުންވާ ކަރަންޓުގެ ބާކީ ބައި އުފައްދަނީ ހައިޑްރޯ އަދި އިއާދަކުރަަނިވި އެހެން ހަކަަތަ އާއި ބޯޓުދެލި އަންދާ ޕްލާންޓުތަކުންނެވެ.

ހަކަތައާ ބެހޭ މިނިސްޓަރު ކަންޗަނާ ވިޖެސޭކަރަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަތުނަޔަކެގެ ތުހުމަތާ ގުޅިގެން ސިލޯން ޕެޓްރޯލިއަމް ކޯޕޮރޭޝަނުން ގާނޫނީ ގޮތުން ރައްދު ދޭނެ ކަމަށެވެ.

ވިޖެސޭކަރަ ވިދާޅުވީ ކަރަންޓު ކަނޑާ ވަގުތު އިތުރުވާން މެދުވެރިވީ ހައިޑްރޯ ޕަވާ ސްޓޭޝަނެއް ކުއްލިއަކަށް ހުއްޓި، ޑީސެލް އާއި އެހެން ތެޔޮ އިމްޕޯޓް ކުރާނެ ޑޮލަރު ނެތުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!