ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށަހަޅައިފި
ދެންމެ | 17 ޖޫން 2026

‏“ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”އާއިލީ ބޯހިޔާވަހިކަން“ އަދި ”ގޯތިގެދޮރު“ ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ބައިލައްކައަށް ވުރެ ގިނަ ފޯމް ހުށައަޅައިފި އެވެ.

ގޯއްޗާއި ފްލެޓަށް އެދެން ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ފުރުސަތު އޮތީ ރޭގެ 11:59ގެ ނިޔަލަށެވެ. ނަމަވެސް ޕޯޓަލް ޑައުވުމުން އެ ފުރުސަތު ރޭ މެންދަމު 2:00އާ ހަމައަށް ދިނެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ‏“ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”އާއިލީ ބޯހިޔާވަހިކަން“ އަދި ”ގޯތިގެދޮރު“ ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުމާލެ އަދި ވިލިމާލޭގައި އެޅުމަށް ނިންމައިފައިވާ ސޯޝަލް ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރެއިން ބީޔޫސީޖީ އާ ހަވާލުކޮށްގެން 1،190 ހައުސިންޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި 364 ހައުސިން ޔުނިޓު އެޅުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އިތުރު ހައުސިން ޔުނައިޓްތައް އިމާރާތް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މޮޑަލްގެ ދަށުން އެކަނިވެސް ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!