ވިލިމާލޭގައި ޓެކްސީ ލައިން ފަށަށް ތައްޔާރުވެއްޖެ
ދެންމެ | 17 ޖޫން 2026

ސަރުކާރުން މާލޭ ސަރަހައްދަށް ތައާރަފުކުރި މާލޭ ޓެކްސީ ލައިނުގެ ހިދުމަތަށް ވިލިމާލޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ”މާލެ ޓެކްސީ“ގެ ނަމުގައި ޓެކްސީ ދަތުރުތައް ކުރަން ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ފުރަތަމަ ހިލޭ ދަތުރުތައް ބޭއްވުމަށްފަހު ޓެކްސީ ދަތުރުތަކަށް އަގު ނަގަން ފެބްރުއަރީ 18 ވަނަދުވަހުން ފެށިގެންނެވެ. އެމްޓީސީސީގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދެމުން އަންނައިރު 150 ކާރު އަންނަނީ ބޭނުންކުރަމުންނެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތް ވިލިމާލޭގައި ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާކަށެވެ. އެގޮތުން ކުންފުނީގެ އެމްޑީ އަހްމަދު ސައުދީއާ ވިލިމާލެ ދާއިރާގެ މެމްބަރު އެރަށަށް ވަޑައިގެން އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވާފައިވާކަމަށެވެ.

ޓެކްސީ ލައިން ބޭނުންކުރާ މީހުންނަށް ވަކި އެޕެއް ތައްޔާރުކޮށްފައިވާއިރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އޭގައިވާ ކިއުއާރު ކޯޑް ބޭނުންކޮށްގެންވެސް ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މަގުމަތިން އަތް ނަގައިގެން ޓެކްސީ ލައިންގެ އެއްވެސް ޓެކްސީ މަޑުނުކުރާނެކަމަށް އެމްްޓީސީސީން ވަނީ ބުނެފައެވެ. އެ ހިދުމަތް ހޯދުމަށް ގުޅަންްޖެހޭނީ 1655 އަކަށް އެމްޓީސީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!