ދައުލަތުގެ ޚަރަދުތަކާއި، ބޭރުގެ މާލީ މުއާމަލާތްތަކާއި އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ފާއިތުވި އަހަރު ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން ހާމަކޮށްފިއެވެ.
އައި.އެމް.އެފް އިން މިކަން ހާމަކޮށްފައި ވަނީ، ޖޫން މަހުގެ 14ވަނަ ދުވަހު ނިންމާލި 2026 އާޓިކަލް IV މިޝަން ގެ ވަގުތީ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓުގައެވެ.
އެ ފަންޑުން ބުނި ގޮތުގައި، އިގްތިސާދީ އަދި މާލީ ގޮތުން ކުރިމަތިވި ދަތި މާހައުލުގައި ވެސް ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލާފައި ވަނީ ހަރުދަނާކަމާއެކުގައެވެ. އަދި ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، އޭގެ ތެރޭގައި ރަސްމީ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާކަން ވެސް އައި.އެމް.އެފްއިން ފާހަގަކުރިއެވެ. މި ކުރިއެރުންތަކާ އެކު، ރާއްޖޭގެ މާލީ ނިޒާމު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަށް ނިންމި ނިންމުމަށް އައި.އެމް.އެފްއިން މަރުހަބާ ކިޔާފައިވެއެވެ. އަދި މި ވަސީލަތުގެ ބޭނުން ހިފަމުން ގެންދިއުމަކީ މަނިޓަރީ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ބާރެއްކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް އެހީތެރިވެދީފައިވާކަން އެ ފަންޑުން ފާހަގަކުރިއެވެ.
މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައި.އެމް.އެފްއިން ވަނީ ލަފާދީފައެވެ. އަދި މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަކީ، ބޭންކުތައް ބެލެހެއްޓުމާއި މާލީ ކާރިސާތައް މެނޭޖުކުރުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމެއްކަމަށް ވެސް އެ ފަންޑުން ބުނެފައިވެއެވެ. މިފަދަ އިސްލާހުތަކުގެ ސަބަބުން ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން މާލީ ނިޒާމުގައި އިތުރުވެގެންދާނެއެވެ.
ދައުލަތުގެ ދަރަންޏާއި ބޭންކިންގް ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމަކީ، އެކަމަށް އެދެވޭ ހައްލެއް ނުގެނެސްފި ނަމަ މާލީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަން އައި.އެމް.އެފްއިން ފާހަގަކުރިއެވެ. އެހެންކަމުން، މާލީ ނުތަނަވަސްކަން ކުޑަކޮށް، ދައުލަތުގެ ދަރަނި ދަށްކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އެ ފަންޑުން އިރުޝާދު ދީފައިވެއެވެ. މި ފިޔަވަޅުތައް އަޅަންވާނީ މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ކުރާނެ އަސަރުތަކުން އެފަރާތްތައް ހިމާޔަތްކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ.
އައި.އެމް.އެފްގެ ވަފުދުން ޖޫން 4 އިން 14އަށް ރާއްޖެއަށް ކުރި މި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި، އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަމިއްލަ ސެކްޓަރުގެ މަންދޫބުންނާއި ތަރައްގީގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށް ފައިވެއެވެ.



