ރާއްޖޭގެ އިޤުތިޞާދީ ދުވެލި ހަލުވިކޮށް، އިތުރު ހަރުފަތަކަށް ގައުމު ގެންދިއުމަށްޓަކައި ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަކީ ރާއްޖޭގެ މައިނާރު ކަމުގައިވީ ނަމަވެސް، އިޤުތިޞާދު ސިންދަފާތުކޮށް އެހެނިހެން ދާއިރާތަކުން އާމްދަނީ ހޯދުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. މިގޮތުން ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤުތިޞާދުން ހޯދާ އާމްދަނީއަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޒުވާން އުފެއްދުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ޒަމާނީ ’ކްރިއޭޓަރު ހަބެއް‘ ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ، ދިވެހި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ބައިނަލްއަގުވާމީ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށްޓަކައި، އުރީދޫގެ އެހީތެރިކަމާއެކު ’ޕޭޕަލް‘ ގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ އީ-ކޮމާސް ދާއިރާ ފުޅާކޮށް، ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަމަށް ސަރުކާރުން ދެކެއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އިޤުތިޞާދު އެހެން ދާއިރާތަކަށް ފުޅާކުރުމުގެ މުހިންމުކަން ބޮޑުވެފައިވަނީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީއެވެ. ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 5 އިންސައްތަ ދަށްވެފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 994,901 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިނިސްޓަރު ސަޢީދު ވިދާޅުވީ މިފަދަ ގޮންޖެހުންތަކުން އަރައިގަނެވޭނީ އިޤުތިޞާދީ ސިޔާސަތުތައް ޒަމާނީކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން ކަމަށެވެ.



