އަދުރޭ، ޔާމީނަށް އައުގުރާނަ ގޮވާ، ނުބައި ރޭވުންތައް ރާވާ އޯޑިއޯތައް ޔާމީނަށް ލިބި، އަދުރޭ ބޭޒާރުވެ، ގޮތް ހުސްވެ، ތެޅި ފޮޅެން ފަށައިފި
ދެންމެ | 27 ސެޕްޓެމްބަރ 2022

ރައީސް އަބުދުﷲ ޔާމީނަށް ވަރަށް ހުތުރު ބަހުން އައުގުރާނަ ގޮވައި، އެމަނިކުފާނާއި ދެކޮޅު ރޭވުންތައް ރާވަމުންދާ އޯޑިޔޯ ރިކޯޑިންގ ތަކެއް ރައީސް ޔާމީން އަތްޕުޅަށް ލިބި، ޕީއެންސީގެ ރައީސް އަދުރޭ ގޮތް ހުސްވެ، ފަލީހަތްވެ، ސިޔާސީ ހަޔާތް ފުޑުފުޑު ވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް ވަރަށް ހުތުރުބަހުން މުހާތަބުކޮށް އައުގުރާނަ ގޮވާ، އަދުރޭ ވާހަކަދައްކާފައިވާ އެތައް އޯޑިޔޯއެއް މިހާރު ވަނީ ރައީސް ޔާމީނަށް ލިބިވަޑައިގެންފަ އެވެ. އަދި މި އޯޑިއޯތަކުގެ ކޮޕީ ވަނީ ފުލުހުންނަށް ވެސް ލިބިފަ އެވެ. ފުލުހުން މި އޯޑިއޯތައް ލިބިފައި ވަނީ ޕީޕީއެމް ލީޑަރސިޕްގެ ބޭފުޅެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، އެ ފޯނުގައި މި އޯޑިއޯތައް ހުރުމުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ވެސް މިދެންނެވި ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މި އޯޑިޔޯތަކުގައި ރައީސް ޔާމީނާއި މުހާތަބުކޮށް އައުގުރާނަ ގޮވުމުގެ އިތުރުން މިހާރު ރައީސް ޔާމީން މައްޗައް ހިންގަމުންދާ ސަރީއަތުގެ ވާހަކަތަކާއި ސަރީއަތަށް ފަހު ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރާނެ ކަމަށާއި އެ ހުކުމަށް ފަހު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއް އައްޔަން ކުރުމުގައި އަމަލް ކުރަން ޖެހޭ ގޮތުގެ ވާހަކަ ވެސް އޯޑިއޯތަކުގައިވާ ކަމަށް އޯޑިއޯ އަޑު އެހި ފަރާތްތަކުން ބުނެ އެވެ.

ލައިވް ޓީވީގައި ވެސް އާއްމް ގޮތެއްގައި އައުގުރާނަ ގޮވާ އަދުރޭ މިހާރު އެންމެ ބޮޑަށް ހާސްވެ، ގޮތް ހުސްވެފައި ވަނީ ރައީސް ޔާމީން ޖަލައްލުމުގެ ކުރިން އެ އޯޑިޔޯތައް ލީކުވެ، ޕީޕީއެމާއި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުގެ ނުރުހުން އަމާޒުވެ އަދުރޭ ސިޔާސީ ހަޔާތުގައި ސިއްކަ ޖެހިގެންދާނެތީ އެވެ.

ޕީއެންސީގެ ރައީސް އަދުރޭ ގާސިމްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށާއި މިސަރުކާރުން ދޫކުރާ އެސްއެމްއީ ބޭންކުން މިނިސްޓަރ ފައްޔާޒު އަދުރޭއަށް ތިން މިލިޔަން ރުފިޔާގެ ލޯނެއް އެންމެ ކުޑަ އިންޓްރެސްރޭޓްގައި ހަމަޖައްސައިދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ޕީޕީއެމް ތެރޭގައި ދެ ފެކްޝަނަކަށް ބެހި ރިޔާސީ ޓިކެޓް ވާދަވެރިކަން އިންތިހާއަށް ބޮޑު ވެފައިވާ ކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްވެސް ކޮށްފަ އެވެ. ރައީސް ޔާމީނަށް އޯޑިޔޯތައް ލިބިފައިވާއިރު، މާޔޫސްކަމާއިއެކު މިހާރު އަދުރޭ ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ރަށުގައި ސިޔާސީ ކަންކަމާއި ދުރުގައި ލިބިވަޑައިގެންނެވި ފައިސާއިން ވިޔަފާރި އަލުން އާރާސްތުކުރެވޭތޯ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ފިހާރަ ބޮޑުކޮށް، ގޭތެރޭ ސާމާނާއި ކާބޯތަކެތި މުދާ ވައްދައި އިތުރު ގުދަންތައް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު އަދުރޭ މަސައްކަތް ކުރަމުން ގެންދަވަނީ ރައީސް ޔާމީނާއި ވަކިން އަދުރޭގެ ޕާޓީ ޕީއެންސީ ވަރުގަދަ ކުރުމަށް ކަމަށާއި މިގޮތުން މިދިޔަ ހަފްތާ ބަންދުގައި ވެސް ޕީއެންސީއަށް އެހެން ޕާޓީތަކުން ބަދަލުވެ ވަޑައިގެންނެވި ދެއަތަށް ކިރޭ ބައެއް ބޭފުޅުން ލ. އަތޮޅަށް އަދުރޭ ކައިރިއަށް ގެންގޮސް އެކިއެކި ރޭވުންތައް ރާވަމުންދާ ކަމަށެވެ.

“ މިހާރު އަދުރޭ ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ނުފެނޭ ނޫން ތޯ! މީހަކު ދައްކާނެ ވާހަކައެއް ނެތް. ސީދާ ރައީސް ޔާމީން ކަންފަތްޕުޅަށް އަޑު އިވި ވަޑައިގެންފައި މިހާރު އެ ވަނީ.“ އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ހަޒާންދާރު އަދި ރައީސް ޔާމީންގެ އެންމެ ބޮޑު ސިއްރުވެރިޔާ އަހުމަދު މުސްތަފާ ވެސް ގެންދަނީ ސޯސަލް މީޑިޔާގައި އަދުރޭއަށް އިންތިހާއަށް ފާޑުވިދާޅުވަމުން ނެވެ. މުސްތަފާ ތުހުމަތު ކުރައްވާ ގޮތުގައި އަދުރޭ މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީން ޖަލައް ލެއްވުމަށް ފަހު ޕީޕީއެމްގެ ތެރެއަށް ވެރިވެ ގަތުމަށެވެ. އަދި އަދުރޭ ބޭނުންވާ ފަރާތަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަބުރާލުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!