ރޮނާލްޑޯއަކީ ތަރިއެއް ހަނދެއް ނޫން، ހަނދަކީ މެސީ: އުޒުބަކިސްތާނު ކޯޗް
ދެންމެ | 23 ޖޫން 2026

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި ނަމަވެސް މެޗަށް ނުކުތުމަށްފަހު އޭނާއަކީ ތަރިއެއްކަން އުޒްބެކިސްތާންގެ ކުޅުންތެރިން ހަނދާން ނައްތާލަން ޖެހޭނެ ކަމަށް އެޓީމުގެ ކޯޗު ފަބިއޯ ކަނަވާރޯ ބުނެފިއެވެ.

ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު ކޭ“ ގައި އުޒްބެކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 3-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފަައެވެ. އަދި ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯ އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

”ގްރޫޕު ކޭ“ ގައި ޕޯޗުގަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުޒްބެކިސްތާނުގެ ކޯޗު އަދި ކުޅުންތެރިއެއްގެ ގޮތުގައި ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ކަނަވާރޯ ވަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ. ކަންނަވާރޯ ސިފަކުރިގޮތުގައި ރޮނާލްޑޯއަކީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

 

އިޓަލީގެ ކެޕްޓަންގެ ގޮތުގައި 2006 ގައި ވޯލްޑް ކަޕްގެ ތަށި އުފުލާލި ކަނަވާރޯ ވަނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅައަށް ރޮނާލްޑޯ ގެނެސްދީފައިވާ ބޮޑު ބަދަލު ފާހަގަކޮށްފައެވެ. އަދި ރޮނާލްޑޯއަކީ އާޖެންޓީނާ ތަރި ލިއޮނެލް މެސީއާ އެއްފަދައިން ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް އުޒްބެކިސްތާނުގެ ކޯޗު ކަނަވާރޯ ބުންޏެވެ.

 

”ޕޯޗުގަލް ސްކޮޑަކީ ތަރިންނާއެކު ފުރިފައިވާ ސްކޮޑެއް. އަދި އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިން،“ އޭނާ ބުންޏެެވެ.

 

ރޮނާލްޑޯއަށް ކަނަވާރޯ ތައުރީފުކުރި ނަމަވެސް، އޭނާ ވަނީ އުޒްބެކިސްތާނުގެ ކުޅުންތެރިން ޕޯޗުގަލްގެ ކެޕްޓަނާ މެދު ޖެހިލުން ނުވުމަށް އިރުޝާދު ދީފައެވެ.

 

”ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިއެއް އަދި ބޮޑު ތަރިއެއް. ނަމަވެސް މެޗު ފެށުމަށްފަހު، މި ހުރިހާ ކަމެއް ހަނދާން ނައްތާލަން ޖެހޭނެ. އަހަރެމެން ސަމާލުކަން ދޭންވާނީ ހަމައެކަނި އަހަރެމެންގެ މަސައްކަތަށް،“ އޭނާ ބުންޏެވެ.

 

އުޒްބެކިސްތާނުގެ ގިނަ ކުޅުންތެރިންނަށް ރޮނާލްޑޯއާ ދެކޮޅަށް ކުޅުމަކީ އެ ކުޅުންތެރިންގެ ކެރިއަރުގައި އަންނާނެ އެންމެ ބޮޑު އެއް ވަގުތުކޮޅެވެ. ނަމަވެސް ވަކިވަކި ކުޅުންތެރިންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ޓީމެއްގެ ގޮތުގައި އުޒްބެކިސްތާން ކުޅުންތެރިން މެޗަށް ފޯކަސް ކުރަން ޖެހޭ ކަމަށް އެޓީމުގެ ކޯޗު ކަނަވާރޯ ބުންޏެވެ.

”ގްރޫޕު ކޭ“ ގައި ރޮނާލްޑޯގެ ޕޯޗުގަލާ ދެކޮޅަށް އުޒްބެކިސްތާން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 10:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!