އިންސާނަކަށް އޮޅުމަކުން ނުބައިކޮށް ބަހެއް ކިޔުމަކީ ލަދުގަންނަންޖެހޭ ފަދަ ކަމެއް ނޫން: މެންބަރު އިބްރާހިމް
ދެންމެ | 23 ޖޫން 2026

އިންސާނަކަށް އޮޅުމަކުން ނުބައިކޮށް ބަހެއް ކިޔުމަކީ ލަދުގަންނަންޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި، ނަމަވެސް ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުން އެފަދަ ކަންކަމުގައި މީހުންނަށް ފުރައްސާރަކޮށް ދަށްކޮށްލަން މަސައްކަތް ކުރުމަކީ ހަޑިހުތުރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް މިބީދައިން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަށް ބަހުސް ކުރައްވަމުން ”ޑިޖިޓަލައިޒޭޝަން“ މި ބަސް ވިދާޅުވިއިރު ދޫއޮޅިގެން ބަސް ނުބައިކޮށް ކިޔުނު މައްސަލައިގައި ރާއްޖެ ޓީވީން މެންބަރަށް ފުރައްސާރަކޮށް މަލާމަތްކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު އިބްރާހިމް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވާހަކަދެއްކުމުގައި އޮޅުމަކުން ނުބައިކޮށް ބަހެއް ކިޔުމަކީ ކޮންމެ އިންސާނަކަށް ވެސް ދިމާވެދާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް، ޒިންމާދާރު މީޑިއާއެއްގެ ނަމުގައި ހިންގާ ޓީވީ ޗެނަލަކުން، ކުށެއް ކިޔޭ މީހާ މުޖުތަމައުގައި ދަށްކޮށްލަން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މެންބަރު އިބްރާހިމް ވަނީ ޓީވީ ސްޓޭޝަންތަކުގެ އެޑިޓޯރިއަލް ބޯޑުތަކުގައި އަދަބު އަޚްލާޤު ހުރި މީހުން ބޭތިއްބުމަށް ގޮވާލައްވައިފައެވެ. ނޫސްވެރިކަމުގެ މިންގަނޑުތަކާއި ހިލާފަށް، މީހުންގެ އަބުރަށް އަރައިގަނެ، މަލާމަތް ކުރުމަކީ މީޑިއާގެ މިނިވަންކަން ނޫން ކަމަށާއި، އެއީ ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުން ބޭރު އަމަލެއް ކަމަށް ވެސް މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ބަހުސާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މެންބަރު އިބްރާހިމް ދެއްކެވި ވާހަކައަށް ތާއީދުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!