ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 6) – ޔަގީނުން ވެސް މިއީ އޭނާގެ ފަހު، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާެރާތް ކަމަށާއި އެކަމަކު، ގައުމީ ޓީމުން ރިޓަޔާކުރަން ނިންމާ ނިންމުމަކީ އަމިއްލަ އަށް ނިންމާނެ ނިންމުމެއް ކަމަށާއި އެއީ ވަކި ބަޔަކު ބުނެގެން ކުރާނެ ކަމެއް ނޫން ކަމަށް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ކެޕްޓަންކަމުގައި ކުޅޭ ޕޯޗުގަލް އިން މި ފަހަރުގެ ވޯލްޑް ކަޕްގައި މިރޭ ގަދަ 16 ބުރުގައި ބައްދަލުކުރާނީ ސްޕެއިންއާ އެވެ.
ސްޕެއިން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ ބައެއް ސުވާލުތަކަށް ޖަވާބުދިނުމުގައި ވަރަށް ސީދާސީދާކޮށް، މީޑިއާތަކާ ވާހަކަ ދައްކައިފަ އެެވެ.
މިފަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް އޭނާގެ ދައްތަ ކަޓިއާ ވަނީ ބުނެފައި. ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހޯދާފައިވާ ރޮނާލްޑޯ، މި މުބާރާތުގެ ގަދަ 16 ގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، މިއީ އޭނާގެ ފަހު މުބާރާތް ކަމަށް ބެލެވޭ.
ފީފާ ވޯލްޑް ކަޕަށް ފަހު، ރޮނާލްޑޯ، ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް އޭނާގެ ދައްތަ، ކަޓިއާ ބުނެފައިވާއިރު، ރޮނާލްޑޯ ބުނީ، ޔަގީނުން ވެސް މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށެވެ. އެއާ އެކު މީޑިއާތަކުން އެހީ ވޯލްޑް ކަޕަށް ފަހު ރިޓަޔަކުރާނެތޯ އެވެ.
”އަހަރެން ރިޓަޔާކުރާނީ އަަހަރެން ބޭނުންވީމަ. ތި މީހުން ބޭނުންވީމަ އެއް ނޫން. އަހަރެން ކުޅުމެކޭ، ނޫނީ ބެންޗުގައި ހުރުމެކޭ ޓީމުގައި އަހަރެންގެ ބައިވެރިވުން ކޮންމެ ގޮތަކަށް އޮތަސް،“ ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލްއާ އެކު، ހަ ވަނަ ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ، އޭނާ އަކީ ކުރިން ހުރި ލެވަލްގެ ކުޅުންތެރިއެއް ނޫން ކަމަށް އެއްބަސްވާންޖެހޭ ކަމަށާއި އެކަމަކު އޭނާ އަކީ އެހާ ދަށްކޮށް ކުޅެމުން އަންނަ ކުޅުންތެރިއެއް ވެސް ނޫން ކަމަށެވެ.
”އަހަރެން މި ދަނީ ލަނޑު ޖަހަމުން. އަހަންނަށް ލަނޑު ނުޖެހިއްޖިއްޔާ އެެހެން ކުޅުންތެރިއަކު ޖަހަންވީ. މިޝަން އަކީ އަނެއް ބުރަށް ދިއުން. އަހަރެން ލަނޑު ޖެހުމެއް ނޫން،“ ރޮނާލްޑޯ ބުންޏެވެ.
ގައުމީ ޓީމަށް ފުރަތަމަ ކުޅެން ފެށުމަށް ފަހު މިވީ 18 ވަރަކަށް އަހަރު ތެރޭ އަބަދުވެސް މަސައްކަތްކުރީ ޓީމުގެ ހައްގުގައި ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. އަދި، މެޗުތަކުގައި ކުުޅުނަސް އަދި ނުުކުޅުނަސް އޭނާގެ ބައިވެރިވުން ޕޯޗުގަލް ޓީމަށް ބޭނުންވާނެ ކަމަށް ރޮނާލްޑޯގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
އުމުރުން 41 އަހަރުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭތީ ޝަކުވާކޮށް ފާޑުކިޔަމުން އަންނަ މީހުން، މިދިޔަ 23 އަހަރު ތެރޭގައި ވެސް މަސައްކަތްކުރީ އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން އޭނާގެ ހިތްމަރާލުމަށް ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
އަދި، އޭނާގެ ފުޓްބޯޅަ ކެރިއަރާ މެދު ހުރިހާ ގޮތެއް ކަނޑައެޅޭނީ އޭނާ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ބެހޭގޮތުން ދެކެވޭ ވާހަކައާ ގުޅިގެން ނޫން ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.
”އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯ އަކަށްވަނީ ވޯލްޑް ކަޕް ތަށި ހޯދައިފިނަަމަ އެއް ނޫން. އުމުރާ އެކު ވަރަށް ގިނަ ކަންތައްތައް ދަސްވާނެ. ވަރަށް ގިނަ ކަންކަން ވިސްނެން ވެސް ޖެހޭނެ،“ ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. އޭގެ އަށް އަހަރު ފަހުން، ވޯލްޑް ކަޕެއްގައި ސްޕެއިނާ ކުޅޭއިރު، ރޮނާލްޑޯ ބުނީ، އަބަދުވެސް ސްޕެއިނާ މެދު ދެކުނީ އެއީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ.
މި ވަގުތު އޮތް ސްޕެއިން ޓީމުގައި ތަރިއެއްގެ ގޮތުގައި ފެންނަ ލަމީން ޔަމާލް އަކީ އުޖާލާ މުސްތަގުބަލެއް އޮތް ކުޅުންތެރިއެއް ކަަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.



