ހޯރަފުއްޓަށް ވައިގެ މަގުން ދަތުރު ކުރާ ފަރާތްތަކަށް ބަހުގެ ޚިދުމަތް ދޭން ފަށައިފި
ދެންމެ | 29 ސެޕްޓެމްބަރ 2022
ހޯރަފުއްޓަށް ވައިގެ މަގުން ދަތުރު ކުރާ ފަރާތްތަކަށް ބަހުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ހއ. ހޯރަފުށީގައި ބަހުގެ ޚިދުމަތް ދިނުމަށްޓަކައި އެ ރަށު ކައުންސިލުން ވަނީ 25 މީހުންގެ ޖާގައިގެ ބަހެއް ގެނެސްފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެއަރޕޯޓާއި ރަށާ ދެމެދު ބަހުގެ ޚިދުމަތް ފެށުމަށް ކައުންސިލުން ނިންމާފައިވަނީ ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

ވަހީދު ވިދާޅުވީ އެއަރޕޯޓާއި ރަށާ ދެމެދު ދަތުރުކުރާނެ ޓެކްސީ ލިބުމުގެ ދަތިކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަކަން ފާހަގަކުރައްވާ މިއީ އެފަދަ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން ދިނުމަށް ނިންމާފައިވާ ޚިދުމަތެއްކަމަށެވެ.

ހޯރަފުށީގައި އެއަރޕޯޓެއް އެޅުމުގެ ސަބަބުން އެރަށަށް އެތައް ފައިދާއެއް ވަމުން އަންނަކަމަށް އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ. މިގޮތުން ކުރިއާ އަޅާބަލާއިރު ގެސްޓްހައުސްގެ ވިޔަފާރި ކުރަން ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!