ސިހުރު ހެދުމާއި، ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ގެންގުޅުނު ކަމުގެ ތުހުމަތުގައި މާލެއިން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ މީހެކެވެ.
މި މީހާ ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ތަހުގީގުގެ މަރުހަލާގައި އޭނާ ބަހައްޓަންޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ވަނީ ލިބިފައެވެ. މީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ހާދިސާ ހިނގި ގޮތުގެ ތަފްސީލީ ރިޕޯޓުގެ އިތުރުން، މައްސަލައާ ގުޅުންހުރި ތަކެތީގެ ފޮޓޯ ރިޕޯޓުތައް ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، މި މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ސިހުރު ހެދުމަކީ އިސްލާމީ މުޖުތަމައެއްގައި ނުހަނު ސީރިއަސް މައްސަލައަކަށް ވާއިރު، މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.



