ގައުމުން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭއެއް ހަދަން ނިންމައިފި
ދެންމެ | 18 ޖުލައި 2026

ދިވެހީން، ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ހަދަން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފި އެވެ.

އެމްއެމްއޭއިން ބުނީ، މި ސަރވޭ ކުރިއަށްގެންދަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށެވެ.

މި މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ސަރވޭއެއް ހިންގާނެ ކަމަށް އެމްއެމްއޭއިންވަނީ ބުނެފައެވެ. މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ، މި ސަރވޭގައި މައިގަނޑުގޮތެއްގައި ނަގާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤުސަދުތަކާއި ދަތުރުކުރި ޤައުމާއި، ޓިކެޓުގެ ޚަރަދާއި ހުރުމުގެ ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރި ޚަރަދުގެ މައުލޫމާތު ނެގޭނެ ކަމަށާއި،އަދި މި މައުލޫމާތު ނެގި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ސަރވޭގައި އެއް ނުކުރާނެ ކަމަށްށެވެ.

މި ސަރވޭގައި ނަގާ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެމްއެމްއޭއިން އަރުވައެވެ.

އެމްއެމްއޭއިން ބުނީ، ސަރވޭގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ސަރވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންކަމުން ސަރވޭ ކުރިއަށްދާ މުއްދަތުގައި ރާއްޖެއިން ބޭރަށް ދިއުމަށްފަހު އަނބުރާ އަންނަ ދިވެހީންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ އޮތޯރިޓީން ވަނީ އެދިލަފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!