ޑޮލަރުގެ އަގު ތިރި ނުވަނީސް އުމްރާނީ ހުރިހާ މަޝްރޫއެއް މެދުކަނޑައިލަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.
’އެކްސް’ގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދު ފިޔަވައި އިތުރު ޚަރަދުތައް ކުރުން ރަނގަޅެއް ނޫން ކަމަށެވެ.
”އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓައިލަން ޖެހޭ، ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށު ކައުންސިލާ ހަވާލުކުރުން ރަނގަޅުވާނެ،“ އެމަނިކުފާނު ލިޔުއްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލުތަކުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގުތައް ދައްކައި މަޝްރޫއުތައް ނިންމޭނެ ކަމަށެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން މަޝްރޫއުތައް ހިންގުމަކީ ފައިދާ ލިބޭ ޚިދުމަތަކުން ނުވަތަ ކަމަކުން ގެއްލުން ލިބޭ ކަމަކަށް ޚަރަދުކޮށް ކުދި އަގުގައި މަޝްރޫއުތައް ހިންގުމެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ”ޑޮލަރެއް ނެތް“ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭ ބޭރު އެއްވެސް ގައުމަކުން ޑޮލަރެއް މި ސަރުކާރަށް ގެނެވިފައި ނުވާ ކަމަށެވެ.
އެކަމަކު، ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ޚަރަދުކުރީ ސަރުކާރުގެ ’އިސްރާފުތަކާއި‘ ބޭނުންނުވާ މަޝްރޫއުތައް ހިންގަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަމީރަށް ރައްދު ދެއްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ މިއަދު އޮތް އިގުތިޞާދީ ފުން ވަޅުގަނޑަށް ވައްޓައިލުމުގެ އަސްލު މޭސްތިރިޔަކީ އަމީރު ކަމަށެވެ.
ސަޢީދު ވިދާޅުވީ، އިގްތިޞާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް ވެސް އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.
ސަޢީދުގެ ވާހަކަތަކަށް ރައްދުދެއްވައި ’އެކްސް’ގައި އަމީރު ކުރެއްވި ޕޯސްޓެއްގައި ވަނީ މި ސަރުކާރަށް ތިން އަހަރުވާން ގާތްވެފައިވާއިރު ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރައިފައިވާ ކަމަށެވެ. ބޭރުން ޑޮލަރެއް ހޯދެން ނެތް ތަނުގައި މި ސަރުކާރުން ދައުލަތުގެ ޚަޒާނާއިން ކުރަނީ ބޮޑު އިސްރާފެއް ކަމަށް އަމީރު ލިޔުއްވައިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިލުވުމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ފަރާތުން ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ފަރާތުން ވަނީ އެދިފައެވެ.



