ޗުއްޓީގައި ގިނައިން ނުކައި، ބަރުދަން ހިފެހެއްޓުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އާއިލާ އާއެކު އުފާވެރި ޗުއްޓީއެއް ހޭދަ ކުރުމުގައި ދުޅަހެޔޮ ސިއްހަތަށް ސަމާލުކަން އިލްތިމާސްކޮށްފަ އެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ، ލޮނު، ހަކުރު އަދި ޓްރާންސް ފެޓް ގިނަ ކާނާއާއި ބުއިންތަކާއި ދުރުހެލިވުން މުހިންމު ކަމަށެވެ. އެގޮތުން، ތެލުލާފައި ހުންނަ ކާނާއާއި، ހަކުރު އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން އެޗްޕީއެޢިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދުންފަތާއި ދުންފަތުގެ ދުމުން ރަށްކާތެރިވެ، ގެއާއި ގޯތިތެރޭ، ހާއްސަކޮށް ކުޑަކުދިން އުޅޭ މާހައުލުގގައި ދުންފަތުގެ އިސްތިއުމާނު ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެއިތުރުން އާއިލާއާއި އެކު ކޮންމެ ދުވަހަކު ހިނގާލާ ހަރަކާތްތެރިވެ އުޅުމަށާއި، ކޮންމެ ދުވަހެއްގެ ކެއުމުގައި އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ހިމެނުމަށްވެސް ވަނީ އެދިފަ އެވެ. އަދި ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުމަށާއި، ކާމިންވަރު މަދުކޮށް މެދުމިނެއްގައި ހިފަހައްޓައި، ކާ އެއްޗިއްސަކީ މިންހެޔޮ ކާނާގެ ބާވަތްތަކަށް ހެދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



