މެދުއިރުމަތީގެ މަސްރަޙު ގޯސްވުމާއެކު ތެލުގެ އަގު އުފުލިއްޖެ
ދެންމެ | 21 ޖުލައި 2026

އެމެރިކާއާއި އީރާނާ ދެމެދު އަނެއްކާވެސް ވަރުގަދައަށް ހަމަލާތައް ބަދަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ ހަފުތާގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މި ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުގެ މަގުން އުފުލާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރައި، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު އަނެއްކާވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ތެލުގެ ބާޒާރުގައި ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ވެސް ވަނީ ހުކުރު ދުވަހު ހަތަރު އިންސައްތައަށް ވުރެ މައްޗަށް ޖެހިލާފައެވެ. ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިހާރު 91 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މެދުއިރުމަތީގެ މަސްރަޙް އިތުރަށް ހޫނުވެފައިވަނީ މިދިޔަ ހަފްތާ ބަންދުގައި އެމެރިކާއިން އީރާނުގެ އުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ދިނުމާ ގުޅިގެންނެވެ.

ތެލުގެ އަގު އުފުލުމުގެ ސަބަބުން ތަކެތީގެ އަގު މަތިވެ، ބޭންކުތަކުން އިންޓަރެސްޓް ރޭޓް ކުޑަކުރުމަށް ހިފާފައިވާ އަމާޒަށް ހުރަސްއެޅިދާނެ ކަމުގެ ކަންބޮޑުވުން އިޤްތިޞާދީ މާހިރުން ދަނީ ފާޅުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން އެސްޕީއައި އެސެޓް މެނޭޖްމަންޓްގެ ސްޓީވަން އިންސް ވިދާޅުވީ، ޙިއްޞާގެ ބާޒާރަށް މިހާރު މަޖުބޫރުވެފައިވަނީ އެއްވަގުތެއްގައި ތަފާތު ދެ ޙާލަތަކަށް ގޮތް ނިންމުމަށް ކަމަށެވެ.

އިންސް އިތުރަށް ވިދާޅުވި ގޮތުގައި، ތެލުގެ އަގު އުފުލުމާއެކު ބާޒާރަށް ސިޔާސީ އަދި ސަލާމަތީ ނުރައްކާތަކުގެ ބިރުވެރިކަން ވަނީ ވަދެފައެވެ. ނަމަވެސް، އެމެރިކާގެ ތަކެތީގެ އަގު އުފުލުން މަޑުޖެހިފައިވުމާއި ވަޒީފާގެ ބާޒާރުގެ ޙާލަތަށް ބަލާއިރު، ހަކަތައިގެ އަގަށް އަންނަ މި ލޮޅުމުގެ ސަބަބުން މުޅި އިޤްތިޞާދަށް ދާއިމީ ގޮތެއްގައި ނޭދެވޭ އަސަރެއް ކުރުމުގެ ފުރުޞަތު އަދި ކުޑައެވެ.

ނަމަވެސް، ތެލުގެ އަގު ބޮޑުވުން ދިގުލައިގެން ގޮސްފިނަމަ، އާންމުން ކުރާ ހޭދަ މަދުވެ، އިޤްތިޞާދީ ކުރިއެރުން މަޑުޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!