ތައިލޭންޑްގައި ވިސާ ނުލައި މިހާރު 30 ދުވަހު ދިވެހިންނަށް ގައިމޮޑެން ތިބެވޭގޮތް ހަދައިފި
ދެންމެ | 21 ޖުލައި 2026

ތައިލެންޑުގެ ކެބިނެޓުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި މުހިންމު އިސްލާހަކާ ގުޅިގެން، ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި މަޑުކުރެވޭ މުއްދަތު އިތުރުކުރުމަށް ނިންމައިފިއެވެ.

މި ނިންމުމަކީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލަންސީ ސިހާސަކް ފަންގްކެޓްކޯއާއެކު 29 ޖޫން 2026 ގައި ބޭއްވެވި ފޯނުކޯލެއްގައި ކުރެއްވި މަޝްވަރާތަކަށް ފަހު ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި މަޝްވަރާތަކުގެ އަލީގައި، ތައިލެންޑުގެ ވިސާ ސިޔާސަތަށް ގެނައި ބަދަލުގައި ރާއްޖެއަށް ލުއިތަކެއް ދިނުމަށް މިވަނީ ހަމަޖެހިފައެވެ.

މިހާރު އޮންނަ އުސޫލުގެ ދަށުން ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވެނީ 15 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް، އަލަށް ގެނައި މި ބަދަލާއެކު، ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭނެއެވެ. ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ފަދަ ގައުމުތައް ވެސް މި ލުއިތައް ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ ކުރިން، 19 މެއި 2026 ގައި ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައިވާކަން ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ތައިލެންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ވިސާގެ މި އާ އުސޫލުތަކަށް އަމަލުކުރަން ފަށާނީ މި ނިންމުން ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ. މި ބަދަލަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!