އިންޑިޔާއިން ރާއްޖެ ބޮއިކޮޓް ކުރުމަށް ހިންދޫން ގޮވަން ފަށައިފި
ދެންމެ | 10 ޖޫން 2022

ކީރިތި ރަސޫލާ އަށް އިންޑިއާ އިން ފުރައްސާރަ ކުރި މައްސަލައިގައި ދިވެހިން އިންޑިއާއަށް ފާޑުކިޔާތީ ދިވެހިރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާގެ ހަރުކަށި ހިންދޫން ގޮވަން ފަށައިފިއެވެ. އިންޑިއާގެ ބައެއް މީހުން މިހާރު އަންނަނީ ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލައި ޓްވީޓްތައް ވެސް ކުރަމުންނެވެ.

ޓްވީޓް ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމުގެ ބަދަލުގައި އެހެން ގައުމުތަކަށް ޗުއްޓީ ހޭދަކުރަން ދާން ޖެހެއެވެ. ރާއްޖެ ފިޔަވައި ޗުއްޓީ ހޭދަކުރަން ދާއިރު ވެސް އިސްލާމީ ގައުމަކަށް ނުދިއުމަށް ވެސް އިންޑިއާގެ ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ދެމަސްއޫލުވެރިން ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ދިވެހި ސަރުކާރުން ބަޔާނެއް ނެރެފައި ވާތީ އެކަމަށް ވެސް އިންޑިއާ މީހުން ވަނީ ފާޑުކިޔާފައެވެ. އިންޑިއާގެ ބައެއް މީހުން ޓްވިޓާގައި ބުނެފައި ވަނީ ހުރިހާ ކަމެއްގައި ރާއްޖެ އިން އިންޑިއާއަށް ބަރޯސާވާއިރު ރާއްޖެ އިން ވެސް ވަނީ އިންޑިއާ އާއި ދެކޮޅުވެފައި ކަމަށެވެ.

އިންޑިއާ އިން ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ދިވެހި ސަރުކާރުން ބަޔާނެއް ނެރުނީ، އިންޑިއާގެ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިނުކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ބީޖޭޕީގެ އިސް ދެމަސްއޫލުވެރިޔަކު ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދިވެހި ސަރުކާރުން ބަޔާން ނެރުނީ އެކަން ހިނގިތާ ދިހަ ދުވަސް ފަހުން މިމަހުގެ 06 ވަނަ ދުވަހު އެވެ. އޭރު ދުނިޔޭގެ މީޑިއާތަކުގައި އެވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭރު އަރަބި އެތައް ގައުމެއްގައި އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލަމުން އަންނަތާ ވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އިންޑިއާގެ ބައެއް މީހުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލަމުން ދާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ދިވެހިން ”އިންޑިއާ އައުޓް“ ހަރަކާތް ކުރިއަށް ގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިހާރު ”އިންޑިއާ އައުޓް“ ކިޔުން ރައީސް ސޯލިހްގެ ރިޔާސީ ޤަރާރަކުން ވަނީ މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް