ރާއްޖޭގައި ހެލިކޮޕްޓަރ ދުއްވަން އަންނަ މަހު ބަޔަކާއި ހަވާލު ކުރަން ނިންމައިފި
ދެންމެ | 22 ޖުލައި 2026

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ ފުރުސަތު ހުޅުވައިލީ އޮގަސްޓް 2024ގަ އެވެ.

 

ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ކަމަށް މިނިސްޓްރީން ބުނާ ކަންކަމަކީ:

ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން.

ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލަން ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.

 

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން އެކި ތާރީހުތައް ދެމުން މިނިސްޓްރީން އަންނައިރު ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ރަސްމީކޮށް ފެށުމެވެ.

 

މި ހިދުމަތް ދިނުމުގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!