މުޖުރިމް ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު ނިއުޔޯކް ސިޓީއަށް ނެތް: މޭޔަރު މަމްދާނީ
ދެންމެ | 23 ޖުލައި 2026

ނިރުބަވެރި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް އައި ނަމަވެސް، އޭނާ ހައްޔަރުކުރުމުގެ މިނިވަން ގާނޫނީ ބާރެއް ނިއުޔޯކް ސިޓީ ސަރުކާރަށް ލިބިގެން ނުވާ ކަމަށް އެ ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

 

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މަމްދާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒުކުރެވޭނެ ގާނޫނީ މަގެއް އޮތްތޯ އޭނާގެ އިދާރާގެ ގާނޫނީ ޓީމުން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ އަމުރު ތަންފީޒުކުރުމުގެ ބާރު ސިޓީ ސަރުކާރަށް ނެތްކަން ސާފުވެފައިވާ ކަމަށާއި، އެމެރިކާގެ ފެޑަރަލް ސަރުކާރުން އައިސީސީއާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

 

މަމްދާނީ މިހެން ވިދާޅުވެފައިވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ޖަރީމާތަކާ ގުޅިގެން ނަތަންޔާހޫ ހައްޔަރުކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް މީގެ ކުރިން ”ދަ ނިއުޔޯކް ޓައިމްސް“ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވި ގޮތުގައި ނަތަންޔާހޫއަކީ އައިސީސީން ދައުވާ އުފުލާފައިވާ ”ހަނގުރާމަވެރި މުޖުރިމެއް“ ކަމަށާއި، އޭނާ ހުންނަން ޖެހޭނީ ބައިނަލްއަގުވާމީ ކޯޓުގެ ކުރިމަތީގައި ދަ ހޭގްގައެވެ.

 

 

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވަރުގަދަ ރައްދެއް ދީފައެވެ. ޓްރަމްޕް ބުނީ، ނަތަންޔާހޫ އެމެރިކާއަށް އައުމުން އެއްވެސް ސިފައެއްގައި ހައްޔަރު ނުކުރާނެ ކަމަށެވެ. އަދި އިޒްރޭލަކީ އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

 

އައިސީސީން 2024 ވަނަ އަހަރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ، ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ހަނގުރާމަވެރި ޖަރީމާތަކުގެ ސަބަބުންނެވެ. ނަމަވެސް އިޒްރޭލާއި އެމެރިކާއަކީ އެ ކޯޓުގެ މެންބަރު ގައުމުތަކެއް ނޫނެވެ. އިޒްރޭލުން ވަނީ މަމްދާނީގެ ވާހަކަތަކަށް ފާޑުކިޔައި، އައިސީސީގެ އަމުރަކީ އެއްވެސް އަސާސެއް ނެތް ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.

 

ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ނަތަންޔާހޫ ނިއުޔޯކަށް އާދެއެވެ. މަމްދާނީ ވިދާޅުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޭނާއަށް ކުރެވޭނެ އެންމެހާ ކަމެއް ކުރައްވާނެ ކަމަށާއި، ނަމަވެސް ގާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!