ޒަމާންތަކެއް ވަންދެން އޮތް ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދީފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާރު ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ ވަރަށް ދުވަހަކު ވެސް މީގެ ކުރިން މި ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކަމާއެކީގަ ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ.
މިހާރު ރާއްޖޭގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ”އަޅުގަނޑުމެން މި ދަނީ މިސާލެއްގެ ގޮތުން ދަންނަވަންޏާ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިހާބުތައް ބާއްވަން ވެސް ސްކޫލް ހޯލުތަކާއި ދައުލަތުގެ މުއައްސަސާތައް ދެމުން. އަޅުގަނޑުމެން މި ދަނީ އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ ބައްދަލުވުންތައް ބޭއްވުމަށް ވެސް ހުރިހާ އިންތިޒާމުތައް ވެސް ހަމަޖައްސައިދެމުން. އަޅުގަނޑުމެން މިދަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅު ސިޔާސީ ލީޑަރުން ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވުމަށް ފުރިހަމައަށް މިނިވަންކަމާއެކީ ފުރުސަތު ދެމުން“ ރައީސް ވިދާޅުވިއެވެ.
މި ސަރުކާރަށް 2 އަހަރަށްވުރެ ގިނަ ދިނަ ދުވަސްވެފައިވާއިރު، އެއްވެސް ސިޔާސީ ލީޑަރަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ނަމަވެސް މީގެ ކުރިން ފެނިގެން ދަނީ ކުރީގެ ވެރިކަން ކުރެއްވި ރައީސުން ޖަލަށްލާފައިވާ މަންޒަރު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”ކުރިން ސަރުކާރެއް ހޮވާތަނުން އަވަސްވެ ގަންނަނީ އެންމެ ފަހުން ފޭބި ރައީސަކު ޖަލަށްލުމަށް، ބަދަލު ހިފުމުގެ ރޫހު ނޫން ކަމެއް ކުރިން ތަންފީޒުކޮށްފައެއް ނުވޭ“ ރައީސް ވިދާޅުވިއެވެ.
މިކަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުވީ ވައުދަކީ މިގައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫހު ނެތިކޮށްލާނަން ކަމަށެވެ. އަދި މިހާރު މިރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
”ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫހުގެ އަޅުވެރިކަމުން މިގައުމު މިހާރު އަޅުގަނޑުމެންވާނީ މިނިވަންކޮށްދީފަ. މިގައުމުގައި އަނިޔާވެރިކަމުގެ ސަގާފަތް އަޅުގަނޑުމެންވާނީ މިގޮތުން ނިމުމަކަށް ގެނެސްފަ. ސިޔާސީ ވެރިން އެހެން ނޫނީ ތިބެން ޖެހޭނީ އިދިކޮޅުގައި ތިބޭއިރު އަނިޔާވެރިކަމަށް ހުށަހެޅިފަ. އިދިކޮޅު ހިޔާލުގެ ވެރިއަކު ވެއްޖެއްޔާ ކޮންމެ ވެސް ކަހަލަ އުޒުރެއް ދައްކާފަ ޖަލުގަ.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ، މި ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަން ވެސް ފުޅާކޮށްދީފައިވާނެ ކަމަށާއި އެންގުމަކާއި ނުލައި ކުރިން އެންމެ ތަނަކަށް އެއްވެވޭއިރު، މިހާރު އެންގުމަކާއި ނުލައި 5 ތަނަކަށް އެއްވެވޭނެ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



