ޒުވާނުން ނިކުމެ، މީޑިޔާ ޕްލެޓްފޯމްތަކުން އިންޑިޔާ ސަރުކާރާއި ބޮޑުވަޒީރު މޯދީ ކޮށިއަރުވާލައިފި
ދެންމެ | 31 ޖުލައި 2026

އިންޑިއާގެ އިމްތިޙާނުތަކުގެ އިތުބާރު ހިފެހެއްޓުމަށާއި، ކަރުދާސް ލީކުކުރާ ނެޓްވޯކްތައް ނައްތާލުމަށް ސަރުކާރުން ހުށަހެޅި މުހިންމު ބިލު ޕާލަމެންޓުން ފާސްވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި މޯދީ ވިދާޅުވީ، މި ގާނޫނަކީ އިމްތިހާނުތަކުގެ ސައްހަކަން ކަށަވަރުކޮށް، ކަރުދާސް ލީކުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރުން ގެންގުޅޭ ވަރުގަދަ އަޒުމް ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ދެފުށް ފެންނަ، ރައްކާތެރި އަދި އިތުބާރު ހުރި އިމްތިހާނު ނިޒާމެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން މެދުނުކެނޑި ފިޔަވަޅުތައް އަޅަމުންދާ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެން މިދަނީ އިތުބާރު ހުރި އިމްތިޙާނު ނިޒާމެއް ބިނާކުރުމަށް އެއް ފިޔަވަޅަށްފަހު އަނެއް ފިޔަވަޅު އަޅަމުން. ފާސްޓް ޓްރެކް ކޯޓުތައް އުފެއްދުމާއި، ސްޓޭޓްތަކުގެ މަޝްވަރާ ހޯދުމާއި، އަދި ޓެކްނޮލޮޖީގެ އެހީގައި ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ހުރިހާ ދާއިރާއަކުންވެސް ކުރިއަށް އެބަދޭ،“ މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިމްތިހާނު ކަރުދާސް ލީކުވުމުގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން އިންޑިއާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން އެތައް މިލިއަން ދަރިވަރުންގެ މުސްތަގުބަލަށް ނުރައްކާވެފައިވާތީ، މިއީ ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިވަރުންގެ މުސްތަގުބަލާ ކުޅޭ އެއްވެސް ޕޭޕަރު މާފިއާއެއް ނުވަތަ ސިންޑިކޭޓެއް ސަލާމަތް ނުވާނެ ކަމުގެ އިންޒާރު މޯދީ ދެއްވިއެވެ. މިފަދަ ކުށްވެރިންނާ ދެކޮޅަށް ހަރުކަށި ގާނޫނީ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާލަމެންޓުގެ ދެ މަޖިލީހުން ދެ ދުވަހުގެ ބަހުސަށްފަހު މި ބިލު ފާސްވެފައިވާތީ، އެކަމާ އުފާކުރައްވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މިއީ ތަރައްގީވެފައިވާ އިންޑިއާއެއް ބިނާކުރުމަށް ކުރެވޭ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރައްވައި، މި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ނައްތާލުމަށް ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!