ޕީއެންސީގެ ކައުންސިލަރުން ވެސް އިހުތިޖާޖު ކުރަން ނަޝީދު ގޮވާލައިފި
ދެންމެ | 06 އޯގަސްޓް 2026

ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖަށް ނުކުންނަން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ އަމިއްލަ ބާރުތައް އުނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް އަރުވައިގެން ކަމަށެވެ. އަދި އެކަމުގެ ހިތާމަ މަޖިލިސް މެންބަރުން މިއަދު ކުރައްވަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

”މިފަހަރު މި ދަތުރު މިޖެހެނީ ޕީއެންސީ ކައުންސިލަރުންނަށް. އަޅުގަނޑު އުންމީދު ކުރަން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑާލާއިރު ޕީއެންސީ ކައުންސިލަރުންވެސް އެމްޑީޕީއާއެކު އިހުތިޖާޖު ކުރައްވާނެ ކަމަށް،“ ނަޝީދު ވިދާޅުވި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ.

އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށްޓަކައި އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ. މިފަދަ ނިންމުމެއް ނިންމައި ކަމާބެހޭ ޤައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އަދި ރަށެއްގެ ނުވަތަ ސިޓީ އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ސިޓީ ނުވަތަ ރަށުގެ ރައްޔިތުންގެ ޖަމައީ މަންފާ އަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލު ކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް ނުނިންމޭ ގޮތަށް ވެސް ގާނޫނު ބަދަލު ކުރަން ވަނީ ހުށަހަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!