މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަން ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީއި) ން މިއަދު އަންގައިފި އެވެ.
އަންނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރަށް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.
އެޗްޑީސީން ބުނީ މާލޭ ވިޔަފާރި ބަނދަރު ކ.ތިލަފުށްޓަށް ބަދަލުކޮށް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ ތިލަފުށީ ފަޅުގައި އަޅާފައި، ދޫކޮށްލާފައިވާ އަދި އެސަރަހައްދަށް އަޑިޔަށް ގޮސްފައިވާ އުޅަނދުތައް އިއްޔެއިން ފެށިގެން 07 ދުވަސް ތެރޭގައި އެ ކޯޕަރޭޝަނާއި ގުޅައިގެން ،ނެންގެވުމުގެ މަސައްކަތް ފެއްޓުމަށް އަންގާފަ އެވެ.
ދެވިފައިވާ މުއްދަތުގައި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށިފައި، އަދި ނެގުމުގެ މަސައްކަތް ނިމިފައި ނުވާއުޅަނދުތަށް އެ ކޯޕަރޭޝަނުގެ، ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު ޢަމަލުކުރުމުގެ އުސޫލެގެ ދަށުން އުޅަނދުތަކާމެދު އަމަލުކުރާނެކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗުޑީސީގެ ހޮޓްލައިން 1516އަށް ގުޅައިގެން ނުވަތަ އެ ކުންފުނީގެ ފިކްސްޑް އެސެޓް ޔުނިޓްއަށް [email protected] އީމެއިލް ކުރުމުން ލިބޭނެ އެވެ.



