އަސްލު ޓީވީން ގެނެސްދިން ރިޕޯޓާއި ގުޅިގެން އެމްޓީސީސީން ޤާނޫނީ ފިޔަވަޅުއަޅަން އެ ކުންފުނީގެ ޤާނޫނީ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މައްސަލާގައި އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏާ އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން ”އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިހުމާލާއި ރައްޔިތުން ރަތަށް“ މި މައުޟޫޢުގައި ”އަސްލު ޓީވީން“ މިއަދު ޝާޢިއުކޮށް ދައުރު ކުރަމުން ދާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު މަޢުލޫމާތުގެ މައްޗަށް އެކުލެވިފައިވާ ރިޕޯޓެއް ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ރިޕޯޓަކީ އެއްވެސް ދިރާސާ ކުރުމެއް ނެތި، ކަމުގެ ޙަޤީޤަތް އޮތް ގޮތް ބަލާލުމެއް ނެތި ޝާޢިއު ކޮށްފައިވާ ބުހުތާން ދޮގު ރިޕޯޓެއް ކަމަށެވެ. އަދި މިފަދަ ރިޕޯޓެއް ޝާޢީއު ކުރުމުގެ މަގްސަދަކީ އެ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބު ކުރުން ކަމަށް އެ ކުންފުނިން ދެކޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
”އަމީނީ މަގުގައި މި ކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އަމީނީ މަގުގެ ހެންވޭރަށް ވީ ކޮޅުގައި، ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާއި ދިމާވާ ސަރަހައްދުގައި ކޮށްފައިވާ ސަބްބޭސް އަދި ތާރުއެޅުމުގެ މަސައްކަތް ކަމުގައި ދަންނަވަމެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ 9 ފެބްރުއަރީ 2023 ގައެވެ. މަސައްކަތް ނިންމި ތާރީޚަކީ 16 ފެބްރުއަރީ 2023 އެވެ.“ އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ކޮންމެ މަސައްކަތެއް ވެސް ކުރަނީ އެކަމުގެ ފަންނީ މާހިރުންގެ ލަފައާއި ތަޖުރިބާއާއި އެކީގައި ކަމަށެވެ.
އެމްޓީސީސީން ވަނީ ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކުރާ އުސޫލުން ކަންކަމުގެ ޙަޤީޤަތް ބަލައި އޮޅުންފިލުވައި ހެއްކާއިއެކު ތެދު މަޢުލޫމާތު ނޫނީ މީޑިއާތަކުން ވެސް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.



