ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އީރާނުން ކަނޑައަޅާފައިވާ ވަކި ހާއްސަ އުސޫލުތަކަކާއި ޝަރުތުތަކެއްގެ މަތިން ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފިއެވެ.
މިކަމަކީ އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ ”ތަސްނީމް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިއާރުޖީސީގެ ތަރުޖަމާނު ސަރުދާރު މުހިއްބީ ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅިއަކީ ހަމައެކަނި އިގްތިސާދީ މަގަކަށްވުރެ ބޮޑަށް، އީރާނުގެ ޖިއޮގްރަފީ އަދި ސްޓްރެޓީޖިކް ބާރުގެ މުހިންމު ބައެއް ކަމަށެވެ.
މުހިއްބީ އިތުރަށް ވިދާޅުވި ގޮތުގައި މި ކަނޑުއޮޅި ހުޅުވާލުމުގެ މައިގަނޑު ޝަރުތަކީ އެމެރިކާއިން އީރާނުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމައަށް ގަބޫލުކުރުމެވެ. މީގެ އިތުރުން ސަރަހައްދީ ގައުމުތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް އެމެރިކާއިން ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކުރި ކޮންމެ ވަގުތަކު، ހޮރްމޫޒް ކަނޑުއޮޅި ޔަގީނުންވެސް ހުޅުވާލެވޭނެ،“ ތަރުޖަމާނު ވިދާޅުވިއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާއިރު، މި ސަރަހައްދުގެ ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ބިރު ވަނީ ހީވެފައެވެ.



